Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

މީރާއަށް މިދިޔަ އަހަރު 24 ބިލިއަން ރުފިޔާގެ އާމްދަނީ

މިރާ އޮފީހުގެ ތެރެއިން / ފޮޓޯ: މީރާ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 24 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދަދަކީ ވޭތުވެދިޔަ އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށް ވުރެ 6.5 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާ އަށް މިދިޔަ މަހު އެކަނި ވެސް އާމްދަނީގެ ގޮތުގައި ވަނީ 2.21 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 15 ޕަސެންޓު ދަށް އަދަދެކެވެ. އަދި މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 9.4 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ މަހު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، އެކްސްޕެޓްރިއޭޓް ކޯޓާ ފީ، ޖީޖީއެސްޓީ އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަދި މިދިޔަ މަހު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 30.5 ޕަސެންޓް އިތުރުވުމުގެ ސަބަބުން، ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން މައުލޫމާތުދެ އެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 1.21 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގަ އެވެ. އެއީ 377.51 މިލިއަން ރުފިޔާ އެވެ.އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 113.87 މިލިއަން ރުފިޔާ، އެކްސްޕެޓްރިއޭޓް ކޯޓާ ފީގެ ގޮތުގައި 105.91 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 89.21 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 314.23 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީގެއިތުރުން މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި 97.21 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެ އެވެ.