Last Updated: June 8, 06:42
Monday, June 8, 2026
ޚަބަރު

އޭއެޗްއެސްގެ ބީޓެކަށް ބޮޑު ތަރުހީބެއް

އައްޑޫ ހައިސްކޫލް: ފޮޓޯ/ އައްޑޫ ލައިވް

އޯލެވެލް އިމްތިހާނަށް ފަހު ގްރޭޑް 11 އަށް ވަންނަ ދަރިވަރުންގެ ތެރެއިން އައްޑޫ ހައި ސްކޫލް (އޭއެޗްއެސް) ގައި ހިންގާ ބީޓެކް ނެޝެނަލް ޑިޕްލޮމާ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރާ ކުދިންގެ އަދަދު ގިނަ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ފަށާފައިވާ ޖީސީއީ އޭލެވެލް ފެންވަރުގެ ބީޓެކް ކޯސްތަކާއި ބެހޭ ގޮތުން ޕްރިންސިޕަލް އިބްރާހިމް ނަދީމް ވިދާޅުވީ އޯލެވެލް އިމްތިހާނު ނިންމުމަށް ފަހު ޑިޕްލޮމާ ހަދަން ބޭނުންވާ ގިނަ ދަރިވަރުންތަކެއް ތިބޭ ކަމަށެވެ. އަދި ސަރުކާރުން މި ފެށި ބީޓެކް ޕްރޮގްރާމުގެ ސަބަބުން ރާއްޖެއާާއި ރާއްޖެއިން ބޭރުން ޑިޕްލޮމާއަށް ކިޔެވުމަށްޓަކައި ދަރިވަރުން ކުރަން ޖެހޭ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ ރާއްޖެ އާއި ބޭރު ގައުމުތަކުން ވެސް ގަބޫލުކުރާ ކޯސްތަކެއް. ސަރުކާރުގެ އާ ސިޔާސަތުގެ ދަށުން ދަރިވަރުންނަށް ފަހިވެގެން މިދިޔައީ ވަރަށްވެސް ބޮޑު ފުރުސަތެއް" ނަދީމް ވިދާޅުވިއެވެ.

މަސައްކަތްތެރިކަމާ ގުޅޭ އަމަލީ މަސައްކަތުގެ ހުނަރު ދަސްކޮށް ދޭ ގޮތަށް ބައްޓަން ކުރެވިފައިވާ މި ޕްރޮގްރާމުގައި ހައި ސްކޫލުން މިދިޔަ އަހަރު ފަށާފައި ވަނީ ހަމައެކަނި ބީޓެކް ސައިންސާއި ބީޓެކް ބިޒްނަސް އެވެ.

ނަމަވެސް މި އަހަރު އިތުރު ތިން ދާއިރާއަކުން މި ޕްރޮގްރާމުގައި ކުދިންނަށް ޖާގަ ދެވޭނެ ކަމަށް ހައި ސްކޫލުން ބުންޏެވެ.

ސަރުކާރުން ތައުލީމީ މުގައްރަރަށް އިތުރުކުރި ބީޓެކް ކޯސްތައް އައްޑޫގެ އިތުރުން މާލެ އާއި އެހެން ރަށްރަށުގައި ވެސް ކުރިއަށް ގެންދާގޮތަށް ހަމަ ޖައްސައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެށި އިރު އައްޑޫ ހައި ސްކޫލަކީ އޭލެވެލް ފެންވަރަށް، ބީޓެކް ނެޝެނަލް ޑިޕްލޮމާ ކޯސްތައް ރާއްޖޭގައި ފެށި ފުރަތަމަ ސްކޫލް ކަން ފާހަގަކޮށްލެވެ އެވެ.