Last Updated: July 17, 15:06
Friday, July 17, 2026
ދުނިޔެ

އެމެރިކާ-ޔޫކޭ އިން ޔަމަނަށް ބޮން އަޅަން ފަށައިފި

އެމެރިކާ އާއި އިނގިރޭސިވިލާތުން ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ވައިގެ ހަމަލާތަކެއް ދޭން ފަށައިފި އެވެ.

މިއީ ރަތްކަނޑުގައި ދަތުރުކުރާ މުދާ އުފުލާ އުޅަނދުތަކަށް ހޫތީ ހަނގުރާމަވެރިން ދެމުންގެންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދޭން ފެށި ހަމަލާތަކެކެވެ. ހޫތީން ރަތްކަނޑުގައި ދަތުރުކުރާ އުޅަނދުތަކަށް ހަމަލާތައް ދޭން ފެށީ އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ އެވެ. ހޫތީ ހަނގުރާމަވެރިން ހަމަލާތައް އަމާޒުކުރަނީ އިޒްރޭލު ނުވަތަ އިޒްރޭލާ ގުޅުން އޮންނަ ގައުމުތަކުގެ އުޅަނދުތަކަށެވެ.

މި ހަމަލާތައް ދޭން ފެށިކަން ހާމަކުރައްވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ ކަނޑު އުޅަނދުތަކަށް މިނިވަންކަމާއެކު ދަތުރުކުރަން ހުރަސްއަޅައި ހަމަލާތައް ދިނުން ބަލައިނުގަންނާނެކަން މި ހަމަލާތަކުން ސާފުވާންޖެހޭނެ ކަމަށެވެ. އަދި އެމެރިކާ އާއި އެގައުމުގެ ބައިވެރިން އެފަދަ ކަންތައްތައް ކުރާ ފަރާތްތަކަށް އަމާޒުކޮށް އިތުރަށް ހަމަލާތައް ދޭން ފަސް ނުޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެމެރިކާ އާއި އިނގިރޭސިވިލާތުން ވަނީ ހޫތީން ހަނގުރާމަވެރިންނާ ދެކޮޅަށް މުޅި ޔަމަނުގެ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާތައް އަމާޒުކޮށްފަ އެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުން މިފަދަ ހަމަލާތަކެއް ދޭން ފަށާފައިމިވަނީ ރަތްކަނޑުގައި ދަތުރުކުރާ މުދާ އުފުލާ އުޅަނދުތަކަށް ހޫތީ ހަނގުރާމަވެރިން ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ވެސް ފާސްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް ހުޅަނގުގެ ގައުމުތަކުން ގޮވާލާ އެ ގޮވާލުންތަކަށް ހޫތީން ވަނީ ބީރުކަންފަތެއް ދީފަ އެވެ.

ޔަމަނުގެ ވެރި ރަށް، ސައްނާއާއި އެގައުމުގެ އުތުރުގެ ބޮޑު ބައެއްގެ މައްޗަށް ބާރު ފޯރުވަނީ ހޫތީން ކަމަށްވާއިރު ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރާ ގޮތުގައި ހޫތީންނަކީ އިރާނުގެ އެހީތެރިކަމާއެކު ހަރަކާތްތެރިވާ ޖަމާއަތެކެވެ.