ރަންވީރު ސިންގް ޑޮންގެ ރޯލު ކުޅެން ހަމަޖެހިފައިވާ ފިލްމު "ޑޮން 3" ގެ ވިލަން އަކީ އިމްރާން ހާޝިމީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ވާހަކަ މީޑިއާތަކުގައި ދެކެވެން ފެށީ އެ ފިލްމު ޕްރޮޑިއުސްކުރާ އެކްސަލް އެންޓައިޓައިންމަންޓްގެ އޮފީހަށް އިމްރާން އިއްޔެ ވަދެނުކުމެ އުޅުނު ތަން މީޑިއާތަކުން ފެނުމާ ގުޅިގެންނެވެ. އެގޮތުން މީޑިއާތަކުން ބުނީ އޭނަ އެ އޮފީހަށް ދިޔައީ ޑައިރެކްޓަރު ފަރުހާން އަޚްތަރާއި ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީގެ ފަރާތުން ލިބުނު ދައުވަތަކާ ގުޅިގެން "ޑޮން 3" އާ ގުޅޭ ގޮތުން މަޝްވަރާއަކަށް ކަމަށެވެ.
ނަމަވެސް އެކްސަލް އިން މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.
"ޑޮން 3" ގެ ވިލަންގެ ރޯލުން އިމްރާން ފެންނާނެކަމުގެ ވާހަކަތައް ދެކެވެމުން މިދިޔަ އަހަރުގެ ނޮވެބްވަރުގައި ރިލީޒްކުރި ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ "ޓައިގާ 3" ގެ ވިލަން އަކީ ވެސް އިމްރާނެވެ. އޭގައި އޭނަ ކުޅުނު ރޯލަށް އާންމުން ވަރަށް ބޮޑަށް ތައުރީފު ވެސް ކުރި އެވެ.
ރަންވީރާ އެކީ "ޑޮން 3" ހަދަން ނިންމިކަން އިއުލާންކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. މިއީ ޝާހްރުކް ޚާނާ އެކީ 2006 ގައި "ޑޮން" އާއި 2011 ގައި "ޑޮން 2" ގެނެސްދިނުމަށް ފަހު، އޭނައާ ނުލައި ފަރުހާން "ޑޮން" ގެ ފިލްމެއް ހަދަން ނިންމި ފުރަތަމަ ފަހަރެވެ.
"ޑޮން" ގެ އޮރިޖިނަލް ފިލްމު 1978 ގައި ގެނެސްދިނީ އަމީތާބް ބައްޗަނާ އެކީގަ އެވެ.
ރަންވީރާ އެކީ "ޑޮން 3" ހަދަން ނިންމިކަން އިއުލާންކުރި ފަހުން ފިލްމުގެ ބަތަލާއާ ބެހޭ ގޮތުން ވެސް މިހާތަނަށް އެކި ވާހަކަތައް ދެކެވިފައިވެ އެވެ. އެގޮތުން އެންމެ ފުރަތަމަ އަޑުއެރި ގޮތުގައި ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ. އޭގެ ފަހުން ކްރިތީ ސެނަން ފިލްމަށް ގެންނަން އުޅޭކަމުގެ އަޑުތަކެއް ވެސް އެރި އެވެ. އަދި "ޑޮން 3" ގެ ބަތަލާއަކަށް ޝާހްރުކްގެ "ޑޮން" ގެ ދެ ފިލްމުގެ ބަތަލާ ރޯލު ކުޅުނު ޕްރިޔަންކާ ޗޯޕްޅާ ވެދާނެ ކަމަށް ވެސް ވާހަކަތަކެއް ދެކެވިފައިވެ އެވެ.
އެކަމަކު "ޑޮން 3" އާ ބެހޭ ގޮތުން ވެސް އެކްސަލް އަދި އޮތީ ހިމޭނުންނެވެ. މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ.