Last Updated: July 23, 12:04
Thursday, July 23, 2026
މުނިފޫހިފިލުވުން

"ކަންބަޅި" ގެ ކެރެކްޓާ ޕޯސްޓަރުތަކެއް

އަންނަ މަހު އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ބިރުވެރި ފިލްމު "ކަންބަޅި" ގެ މައިގަނޑު ކެރެކްޓާތައް ފިލްމުން ފެންމާނެ ގޮތް ދައްކާލައިފި އެވެ.

އައި ފިލްމްސް އިން ގެނެސްދޭ މި ފިލްމުގެ ކާސްޓްގެ މުހިއްމު ރޯލުތައް ކުޅޭ ތަރިންނާއި އެ މީހުންގެ ކެރެކްޓާތައް ކިޔާ ނަން ވެސް ޕޯސްޓަރުތަކުގައި ހިމަނާފައިވެ އެވެ.

"ކަންބަޅި" ގެ ކާސްޓްގައި ރަވީ ފާރޫގް، ނުޒުހަތު ޝުއައިބް، ޝަރަފު އަބްދުﷲ، ތާތި، އިފްނާޒް ފިރާގު، ވާޝިޔާ މުހައްމަދު، މުހައްމަދު އިޝްފާން، އަލީ ނަދީހު، އަލީފް، ހާފިޒު އަދި ފާތުން ހިމެނެ އެވެ.

މި ކާސްޓުންނާ އެކީ "ކަންބަޅި" ގެ ވަރަށް ހާއްސަ ރޯލަކުން ސާރާ ކިޔާ ކުޑައަންހެން ކުއްޖަކު ވެސް ފެންނާނެ އެވެ.

އަންނަ މަހުގެ 1 އަށް ތާވަލުކޮށްފައިވާ މި ފިލްމަކީ އިލްޔާސް ވަހީދު (އިއްލެ) ލިޔެ، އޭނަ އާއި އެކްޓަރު އިފްނާޒް ގުޅިގެން ޑައިރެކްޓްކުރާ ފިލްމެކެވެ. އަދި މިއީ އައި ފިލްމްސް އިން ބެލުންތެރިންނަށް ގެނެސްދޭ ފުރަތަމަ ބިރުވެރި ފީޗާ ފިލްމެވެ.

މިދިޔަ އަަހަރުގެ ކްރައިމް ޑްރާމާ "ނީނާ" އަކީ ވެސް އައި ފިލްމްސް އިން ގެނެސްދިން އެއްޗެކެވެ، އެއީ އިއްލެ، ލިޔެ ޑައިރެކްޓްކުރި އެއްޗެކެވެ. އަދި ކަޒްމިކް އިންޓަނޭޝަނަލް އިން މިދިޔަ އަހަރު ގެނެސްދިން ބްލެކް ކޮމެޑީ "ފްރީ ޑެލިވަރީ" އަކީ ވެސް އިއްލެ ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ.

"ކަންބަޅި" ޕްރޮމޯޓްކުރަމުން އަންނަ އިރު، މީގެ ޓްރެއިލާ މީގެ ހަފުތާއެއްހާ ދުވަސް ކުރިން އާންމުކޮށްފައިވެ އެވެ.

މި އަހަރުގެ ފުރަތަމަ ފިލްމަކީ މި މަހުގެ 6 ގައި ޕްރީމިއާކުރި ލޯބީގެ ފިލްމު "މީ އިޝްގް" އެވެ. މިއީ އަޒްހާން އިބްރާހީމް ލިޔެ، ޑައިރެކްޓްކުރި އެއްޗެކެވެ.