Last Updated: June 14, 05:16
Sunday, June 14, 2026
ޚަބަރު

ވިލިމާލޭގެ ހޮސްޕިޓަލް އަޅާނީ ޗައިނާ އިން: ރައީސް

ވިލިމާލޭގައި ހަދަން ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލް އަޅާނީ ޗައިނާ އިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރު ހޮވަން މާދަމާ ބާއްވާ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އާޒިމާ ޝުކޫރަށް ވޯޓް ދެއްވުމަށް އެދިވަޑައިގެން ޗައިނާގައި ހުންނަވައިގެން ރައީސް އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވީ ވިލިމާލޭގެ ހޮސްޕިޓަލް އަޅަން ޗައިނާގެ ހިލޭ އެހީ ހަމަޖެހިފައިވާ ކަަމަށެވެ.

"ހޮސްޕިޓަލްގެ މަސައްކަތް އިރާދަކުރެއްވިއްޔާ ޗައިނާގައި މިހާރު އަޅުގަނޑުމެން ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން މި ވަނީ މަގުފަހިވެފައި،" ރައީސް ވިދާޅުވި އެވެ. "ހިލޭ އިރާދަކުރެއްވިއްޔާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅިގެން ދާނެ."

ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅަން ނިންމިކަން ސަރުކާރުން އިއުލާންކުރީ މިދިޔަ މަހުގެ 27 ގަ އެވެ. ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު އެ މަޝްރޫއު އިއުލާން ކުރެއްވި ނަމަވެސް މަޝްރޫއާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.