ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް އައްޑޫގެ މިސްކިތްތަކުގެ އާބާތުރަ ފިލުވަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
ކައުންސިލުން ބުނީ އައްޑޫގެ މިސްކިތްތަކުގެ ތެރެއިން މަރާމާތު ކުރަން ޖެހިފައިވާ މިސްކިތްތަކުގައި ކުރަން ހުރި މަރާމާތުތަކާއި، އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމުގައި ދަރުމައަށް މަސައްކަތް އެކަން ކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 22 އާ ހަމައަށް ހުޅުލާފައިވާ ކަމަށެވެ.
އެގޮތުން "މިސްކިތްތަކަށް ތަކެތި ހަދިޔާކުރުމަށާއި މިސްކިތްތަކުގައި ކުރަންހުރި މަސައްކަތްތައް ހިލޭ ސާބަހަށް ކޮށް ދިނުމަށް އެދޭ ފޯމް" އަވަށު އޮފީސްތަކުން ދޫކުރާނެ ކަމަށާއި އަދި ކައުންސިލްގެ ވެބްސައިޓް އިން ޑައުންލޯޑް ވެސް ކުރެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.
އައްޑޫގެ ގިނަ މިސްކިތްތަކަކީ ހެޔޮއެދޭ ފަރާތްތަކުން ބިނާކޮށްފައިވާ މިސްކިތްތަކެވެ. އަދި ކޮންމެ އަހަރެއްގެ ރޯދަ މަހާ ވެސް ދިމާކޮށް އަމިއްލަ އެކިއެކި ފަރާތްތަކުން މިސްކިތްތައް ޒީނަތްތެރިކޮށްދެ އެވެ.