އިޒްރޭލުގެ ބޯޓުތަކަށާއި އަދި އިޒްރޭލަށްދާ ބޯޓުތަކަށް ހަމަލާތައް ދިނުން ނުހުއްޓުވޭނެ ކަމަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ބުނެފި އެވެ.
ހޫތީން މިހެން ބުނެފައިމިވަނީ ޔަމަނުގައި ހޫތީން ތިބޭ އެކި ސަރަހައްދުތަކަށް އެމެރިކާ އާއި އިނގިރޭސިވިލާތުން ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގަ އެވެ. މިއީ ރަތްކަނޑުގައި ދަތުރުކުރާ މުދާ އުފުލާ އުޅަނދުތަކަށް ހޫތީ ހަނގުރާމަވެރިން ދެމުންގެންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. ހޫތީން ރަތްކަނޑުގައި ދަތުރުކުރާ އުޅަނދުތަކަށް ހަމަލާތައް ދޭން ފެށީ އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ އެވެ. ހޫތީ ހަނގުރާމަވެރިން ހަމަލާތައް އަމާޒުކުރަނީ އިޒްރޭލު ނުވަތަ އިޒްރޭލާ ގުޅުން އޮންނަ ގައުމުތަކުގެ އުޅަނދުތަކަށެވެ.
މި ހަމަލާތަކާ ގުޅިގެން ހޫތީންގެ ތަރުޖަމާނު ޔަހްޔާ ސާރީ ވިދާޅުވީ އެމެރިކާ އާއި އިނގިރޭސިވިލާތުން ގުޅިގެން ދިން ހަމަލާތަކުގައި އެ ޖަމާއަތަކު ފަސް މީހަކު ޝަހީދުވެފައިވާ ކަމަށާއި މި ހަމަލާއާ ގުޅިގެން އެ ދެ ގައުމަށް އަދަބު ނުދޭނެ އެއްގޮތެއް ވެސް ނޯންނާނެ ކަމަށެވެ. އެގޮތުން ޔަމަނުގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރަން ހަމަލާތައް ދޭން އެ ޖަމާއަތުން ވެސް ޖެހިލުން ނުވާނެ ކަމަށާއި ހުޅަނގުން މިފަދަ ހަމަލާތަކެއް ދިން ނަމަވެސް އަރަބި އަދި ރަތްކަނޑު ހުރަސްކޮށްދާ އިޒްރޭލުގެ ބޯޓުތައް ނުވަތަ އިޒްރޭލަށްދާ ބޯޓުތަކަށް އަދިވެސް ހަމަލާތައް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތުން ޔަމަނަށް 73 ވައިގެ ހަމަލާ ދީފައިވާއިރު، ރަތްކަނޑުން ދަތުރުކުރާ އުޅަނދުތަކަށް ހޫތީން ހުރަސްއަޅާނަމަ އަދިވެސް ހަމަލާތައް ދޭން ޖެހިލުން ނުވާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ދެއްވާފަ އެވެ.
ޔަމަނުގެ ވެރި ރަށް، ސައްނާއާއި އެގައުމުގެ އުތުރުގެ ބޮޑު ބައެއްގެ މައްޗަށް ބާރު ފޯރުވަނީ ހޫތީން ކަމަށްވާއިރު ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރާ ގޮތުގައި ހޫތީންނަކީ އިރާނުގެ އެހީތެރިކަމާއެކު ހަރަކާތްތެރިވާ ޖަމާއަތެކެވެ.