Last Updated: July 23, 10:58
Thursday, July 23, 2026
މުނިފޫހިފިލުވުން

ކަންގަނާ ބައިވެރިޔަކު ހޯދައިފި

ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު ބައިވެރިޔަކު ހޯދާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން މި ވާހަކަ ދައްކަން ފެށީ މުމްބާއީގެ ސެލޫންއަކުން ބިދޭސީ ފިރިހެނަކާ އެކީ އަތުގުޅާލައިގެން ކަންގަނާ ނުކުތް ތަން ރޭ ފެނުމާ ގުޅިގެންނެވެ. އަދި އެ މީހުންގެ ފޮޓޯ އާއި ވީޑިއޯ ޕަޕަފާޒީން ނަގަން ފެށުމުން އެކަމަށް ފުރުސަތު ދީ، ކެމެރާތަކަށް ދެ މީހުން ހިނިތުންވާ މަންޒަރު ވެސް ފެނެ އެވެ.

ނަމަވެސް ކަންގަނާއާ އެކީ ފެނުނު މީހާގެ ހަގީގަތެއް އަދި ސާފުނުވާ ކަމަށް މީޑިއާތަކުން ބުންޏެވެ. އެހެންވެ އެއި ކޮން ގައުމެއްގެ ކާކުކަން ނޭނގޭ ކަމަށް މީޑިއާތަކުން ބުންޏެވެ.

މި ފަހުން ކަންގަނާ ވަރަށް ބޮޑަށް ކައިވެނީގެ ވާހަކަ ދައްކާފައިވެ އެވެ. އެގޮތުން ކައިވެނިކޮށް ދަރިން ހޯދަން ވަރަށް ބޭނުންވާ ކަމަށް ވެސް 36 އަހަރުގެ ބަތަލާ ބުނެފައިވެ އެވެ.

ބިދޭސީއަކާ ކަންގަނާ މިހާރު ރައްޓެހިވެގެން އުޅޭ ކަމަށް ބެލެވެން ފެށި އިރު، ރިޕޯޓްތައް ބުނާ ގޮތުން ކުރިން އިނގިރޭސިވިލާތުގެ ޑޮކްޓަރަކާ ވެސް އޭނަ ރައްޓެހިވި އެވެ. ކަންގަނާ ރައްޓެހިވި ބޮލީވުޑްގެ އެކްޓަރުންގެ ތެރޭގައި ރިތިކް ރޯޝަނާއި މާ މަޝްހޫރު ނޫން އެކްޓަރެއް ކަމަށްވާ އަދިޔަޔަން ސުމަން ހިމެނެ އެވެ. ކުރީގެ އެކްޓަރު ޝޭކަރް ސުމަންގެ ދަރިފުޅު، އަދިޔަޔަން އަކީ ކަންގަނާއާ އެކީ 2013 ގެ "ރާޒް: ދަ މިސްޓްރީ ކޮސްޓިނިއުސް" ކުޅުނު އެކްޓަރެވެ.

ކަންގަނާ އާއި ރިތިކްގެ ލޯބީގެ މައްސަލަގަނޑަކީ ބޮލީވުޑްގައި ވަރަށް ގަދައަށް ދެކެވުނު ވާހަކައެކެވެ. އަދި ކަންގަނާއާ ރައްޓެހިވި ކަމަށް ރިތިކް އެއްބަހެއް ވެސް ނުވެ އެވެ. މި ދެ ތަރިން އެކީގައި "ކްރިޝް 3" އާއި "ކައިޓްސް" ގައި މަސައްކަތްކުރި އެވެ.

ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ކަންގަނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ތޭޖާސް" އެވެ.