Last Updated: July 23, 10:58
Thursday, July 23, 2026
މުނިފޫހިފިލުވުން

ފިލްމެއް ދޭން އެދި ޝާހްރުކް "އާދޭސްކޮށްފި"

ޑައިރެކްޓަރު މަނީ ރަތުނަމްގެ ފިލްމަލުން އަލުން ފުރުސަތު ދޭން އެދި ޝާހްރުކް ޚާން "އާދޭސްކޮށްފި" އެވެ.

މީޑިއާތަކުން ބުނީ މިދިޔަ އަހަރު ވަރުގަދަ ތިން ހިޓް ގެނެސްދިން 58 އަހަރުގެ އެކްޓަރު އެކަމަށް އެދުނީ މިދިޔަ ހަފުތާގައި ބޭއްވި ސީއެންއެން-ނިއުސް 18 ގައި އޭނަ އަށް "އިންޑިއަން އޮފް ދި އިޔާ" ގެ އެވޯޑް ލިބުނު އިވެންޓެއްގެ ތެރޭގައި ކަމަށެވެ. އެގޮތުން ރަތުނަމް ވެސް ބައިވެރިވި ހަފުލާގައި ޝާހްރުކް ވަނީ ފިލްމަކުން ފުރުސަތު ދޭން ވަރަށް ބޮޑަށް އެދޭ ކަމަށާއި އެކީގައި އަލުން މަސައްކަތްކުރުމުގެ ޝައުގުވެރިކަން ވަރަށް ބޮޑު ކަމަށް ބުނެފަ އެވެ.

އިންޑިއާގެ އެންމެ ކުޅަދާނަ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ރަތުނަމްއާ އެކީ ޝާހްރުކް މިހާތަނަށް މަސައްކަތްކުރީ އެންމެ ފިލްމެއްގަ އެވެ. އާންމުކޮށް ތަމަޅަ ފިލްމު ހަދާ ޑައިރެކްޓަރުގެ 1998 ގެ ރޮމޭންޓިކް ތުރިލާ "ދިލް ސޭ" އަކީ ޝާހްރުކް ޚާނާއި މަނީޝާ ކޮއިރަލާގެ އިތުރުން ޕްރިތީ ޒިންތާއާ އެކީ ގެނެސްދިން ވަރަށް ކާމިޔާބު ފިލްމެކެވެ.

ޕްރިތީ ފިލްމީ ދުނިޔެ އަށް ތައާރަފުވި މި ފިލްމަކީ އޭގެ ލަވަތައް ވަރަށް ވެސް މަޝްހޫރުވި ފިލްމެކެވެ. އޭގެ ތެރޭގައި "ޗައްޔާ ޗައްޔާ"، "އޭ އަޖުނަބީ" އަދި "ސަތުރަންގީ ރޭ" ހިމެނެ އެވެ.

"ބޮމްބޭ" އާއި "ރޯޖާ" އާއި "ޔޫވާ" އަދި "ގުރޫ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ރަތުނަމްގެ އެންމެ ފަހުގެ ފިލްމަކީ އައިޝްވާރިއާ ރާއީއާ އެކީ ދެ ބަޔަކަށް ގެނެސްދިން "ޕޮނިޔިން ސެލްވަން" އެވެ. މީގެ ދެވަނަ ބައި ރިލީޒްކުރީ މިދިޔަ އަހަރު އެވެ.

މިދިޔަ އަހަރު "ޕަތާން" އާއި "ޖަވާން" ގެ އިތުރުން "ޑަންކީ" އިން ފެނިގެން ދިޔަ ޝާހްރުކް މިހާރު އަންނަނީ ދަރިފުޅު ސުހާނާ ޚާނާ އެކީ ކުޅެން ހަމަޖެހިފައިވާ "ދަ ކިންގް" އަށް ތައްޔާރުވަމުންނެވެ. މީގެ ޝޫޓިން އަންނަ މާޗް ނުވަތަ އެޕްރީލްގައި ފަށާނެ އެވެ.

އެކަމަކު އަދި ފިލްމު ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.