Last Updated: April 29, 22:11
Monday, April 29, 2024
ޚަބަރު

ތަރުހީބު ކުޑަ، 82 އިންސައްތަ މީހުން އަދިވެސް ވޯޓު ނުލާ

ފޮޓޯ: އީސީ

މާލެސިޓީ މޭޔަރުކަމަށް އަދި ހުސްވެފައިވާ ގޮނޑިތަކަށް ކެންޑިޑޭޓުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބުގައި ވޯޓުލުމަށް ނިކުންނަ މީހުންގެ އަދަދު މަދުކަން އީސީގެ ތަފާސްހިސާބުން ހާމަވެއްޖެއެވެ.

ހެނދުނު 08:00 އިން ފެށިގެން ވޯޓުލުން ކުރިއަށްދާއިރު މެންދުރު 02:00 އާ ހަމައަށް 82 އިންސައްތަ މީހުން ވޯޓުނުލާ ތިބިކަން އީސީގެ ތަފާސްހިސާބުން އެނގެއެވެ.

ވޯޓުލާތާ ހަ ގަޑިއިރު ވެފައިވާއިރު އީސީން ބުނެފައިވަނީ 02:00 އާ ހަމައަށް ވޯޓު ލާފައިވަނީ 9،908 މީހުން ކަމަށެވެ. މިއީ ވޯޓުލެވޭ އާބާދީގެ 17.69 އިންސައްތައެވެ.

ޖުމުލަ 56،002 މީހުންނަށް މި އިންތިހާބުގައި ވޯޓުލެވޭއިރު 46،094 މީހުން ވޯޓުނުލާ ތިބިކަމަށް އީސީން މައުލޫމާތުދީފައިވެއެވެ.

މި އިންތިހާބުގެ ވޯޓުލުން ހަވީރު 05:00 އާ ހަމައަށް ކުރިއަށް ދާނެއެވެ.

މާލޭ މޭޔަރު ކަމަށް މި އިންތިހާބުގައި ވާދަކުރައްވަނީ ޕީއެންސީގެ ޓިކެޓްގައި އައިޝަތު އާޒިމާ ޝުކޫރު، އެމްޑީޕީގެ ޓިކެޓްގައި އާދަމް އާޒިމް، ޑިމޮކްރެޓްސްގެ ޓިކެޓްގައި ސައިފު ފާތިހު، އަމިއްލަ ގޮތުން ހުސައިން ވަހީދުގެ އިތުރުން އަލީ ޝުއައިބްއެވެ.