Last Updated: April 29, 22:05
Monday, April 29, 2024
ޚަބަރު

އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށެވެ.

ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ބިނާވެގެންވަނީ މައިގަނޑު ހަތަރު އަސާސެއްގެ މައްޗަށްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އޭގެތެރޭގައި އެއްގައުމު އަނެއްގައުމަށް އިހްތިރާމް ކުރުން ހިމެނޭކަމަށެވެ. އަނެއް އަސާސަކީ ސޮވެރިން އިކުއިލިޓީ ކަމަށާއި، ދެގައުމަކީ ސައިޒުގެ ގޮތުން ތަފާތު ދެ ގައުމު ނަމަވެސް ސޮވެރިން އިކުއިލިޓީގައި ދެ ގައުމަކީވެސް ހަމަހަމަ ދެ ގައުމުކަމަށް ދެކޭކަމަށެވެ.

ޓެރިޓޯރިއަލް އިންޓެގްރިޓީއަކީ ދެ ގައުމުގެ ގުޅުން ބިނާވާ އަނެއް މުހިންމު އަސާސްކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ 'ވަން ޗައިނާ' ޕޮލިސީ ފުރިހަމައަށް ގަބޫލުކުރާ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ރަށްތައް ކިތަންމެ ކުޑަ ނަމަވެސް، އިންޑިއާ ކަނޑުގައި ރާއްޖޭގެ އެކްސްކްލޫސިވް އެކޮނޮމިކް ޒޯން ވަރަށްވެސް ބޮޑު ކަމަށެވެ. އަދި ރާއްޖޭގެ ޓެރިޓޯރިއަލް އިންޓެގްރިޓީއަށް ޗައިނާއިން ވަރަށް ބޮޑަށް އިހްތިރާމު ކުރާކަމަށް ވިދާޅުވިއެވެ.

"މި ކަނޑުގައި އެއްގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމަކަށް ވާނެ ރާއްޖެ. ވަކި ގައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ… އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް." ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެތެރޭގެ ކަންކަމަށް ޗައިނާއިން އެއްވެސް ވަރަކަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ.

"މިދިޔަ ސަރުކާރުގެ ދުވަސްވަރުގައި ފެނުނީ، އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައިވެސް އިށީންދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން. އެ ގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި ހަތަރު އަސާސަކީ ރާއްޖެއިން ކޮންމެ ގައުމަކާއެކުވެސް ގުޅުން ބަދަހިކުރުމުގައި ބަލާނެ އަސާސްތައް ކަމަށެވެ.