Last Updated: April 29, 22:11
Monday, April 29, 2024
ޚަބަރު

ޗައިނާގެ ދަރަނި ދެއްކުން 5 އަހަރަށް ފަސްކުރަނީ

ފޮޓޯ: ރައީސް އޮފީސް

ޗައިނާއަށް ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ވީހާވެސް ލުއި ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރާއްޖެވަޑައިގެން މީޑިއާއަށް މައުލޫމާތުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ޗައިނާއަށް އެކި ގޮތްގޮތުން ދައްކަންޖެހޭ ލޯނު ދެއްކުމަށްޓަކައި މިހާރު އޮތް ޝެޑިއުލަށް ލުއިގޮތްތަކެއް ހޯދުމާމެދު މަޝްވަރާ ކުރެވުނު ކަމަށެވެ.

އެގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު ކުރިއަށްދިޔަ ރަސްމީ މަޝްވަރާތަކުގައި ލޯނު ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ހުށަހެޅުމުން، ވަގުތުން ކަމާ ބެހޭ ފަރާތްތަކާ އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިކަމަށެވެ. އަދި އެކަމުގައި މަސައްކަތް ކުރުމަށް ޗައިނާގެ ފިނޭންސް މިނިސްޓްރީ އާއި ފިނޭންސް ދާއިރާގެ ޓެކްނިކަލް ޓީމެއް ވަރަށް އަވަހަށް ފޮނުވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ޓެކްނިކަލް ޓީމާއެކު މަސައްކަތްކުރާނީ ލޯނުތައް ދެއްކުމުގައި ވީހާވެސް ބޮޑު ގްރޭސްޕީރިއަޑެއް ހިމަނައި ފަސް އަަހަރުގެ ތެރޭގައި ވީހާ ވެސް ލުއި ގޮތަކަށް އެ ލޯނުތަކުގެ ކަންތައް ހަމަޖެއްސޭނެ ގޮތްތަކެއް ހޯދުމަށްކަމަށެވެ.

ރާއްޖެއިން ޗައިނާއަށް ލޯނުގެ ގޮތުގައި ބޮޑު އަދަދެއް ދައްކަންޖެހޭތީ އެކި ފަހަރުމަތިން އެކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ފާޅުކޮށްފައިވެއެވެ.