Last Updated: April 29, 21:55
Monday, April 29, 2024
ޚަބަރު

ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ ލިބޭ ގޮތް ހަދަނީ

ފޮޓޯ: ރައީސް އޮފީސް

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަދި ތައިލޭންޑުން އާސަންދަ ލިބޭގޮތް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ރަސްމީދަތުރުފުޅަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އާސަންދައަކީ ހަމައެކަނި ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކުން އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނުހަދައި އެއަށް ވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް އެ ހިދުމަތް ފުޅާކުރާނެ ކަމަށެވެ.

އެގޮތުން ޔޫއޭއީއާއި ތައިލޭންޑުން އާސަންދަ ލިބޭގޮތް ހަމަޖައްސުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހެލްތު ފެސިލިޓީ ތަރައްގީ ވަންދެން ދާނީ މިހާރު ދާ ތަންތަނަށް ވުރެ މާ ފެންވަރު ރަނގަޅު، ދުބާއީ ކަހަލަ ބެންކޮކްގައި ހުންނަ ކަހަލަ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކަށް ކަމަށެވެ. އަދި އެތަންތަނުގައި ހުރުމަށްދާ ހަރަދުވެސް އާސަންދައިން ކަވަރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ކާޑުގެ ބާވަތްތައް އެތެރެކުރުމުގައި ވަކި ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި، އެހެން ގައުމުތަކުންވެސް އެބާވަތްތައް ގެންނަން މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން ތުރުކީއާ އެކު އެއްބަސްވުމަކަށް އާދެވި ފުރަތަމަ ޝިޕްމަންޓަށް އޯޑަރު ދީފައިވާކަމަށް ވިދާޅުވިއެވެ.