Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ޑި ބްރޭނާ ތަފާތު ދައްކައި ސިޓީ މޮޅުކޮށް ދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކެވިން ޑި ބްރޭނާގެ ތަފާތު މޮޅު ކުޅުމާއެކު ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް 3-2 އިން މެންޗެސްޓާ ސިޓީން ކުރި ހޯދައިފި އެވެ.

މި މޮޅާއެކު ސިޓީ އޮތީ 20 މެޗުން ލިބުނު 43 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. ތިންވަނައިގައި 42 ޕޮއިންޓާ އެކު އެސްޓަންވިލާ އޮތްއިރު ލީގުގެ އެއްވަނައިގައި 45 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ.

ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ސިޓީންނެވެ. ކައިލް ވޯކާ ނަގައިދިން ހުރަހަކުން މެޗުގެ 26 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބަނާޑޯ ސިލްވާ އެވެ. ނަމަވެސް މެޗުގެ 35 ވަނަ މިނެޓްގައި އަލެކްސަންޑަ އިސާކް ނިއުކާސަލަށް ނަތީޖާ އެއްވަރުކޮށްދިން އިރު އޭނާ މި ގޯލު ކާމިޔާބު ކުރީ ސިޓީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ. އަދި އޭގެ ދެ މިނެޓްފަހުން އެންތޮނީ ގޯޑަން ވަނީ ނިއުކާސަލަށް ލީޑު ނަގައިދީފަ އެވެ.

ނިއުކާސަލް ލީޑުގައި އޮވެ ފުރަތަމަ ހާފު ނިމުނުއިރު މެޗުގެ 69 ވަނަ މިނެޓްގައި ސިޓީން ވަނީ ކެވިން ޑި ބްރޭނާ ކުޅެން އަރުވާފަ އެވެ. ޑި ބްރޭނާ ކުޅެން އެރިތާ ފަސް މިނެޓްފަހުން ވަނީ ސިޓީ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ޑި ބްރޭނާ މި ގޯލު ކާމިޔާބު ކުރީ ނިއުކާސަލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. ސިޓީން މި މެޗުން މޮޅުވި ގޯލު ޑި ބްރޭނާ ދިން ރީތި ޕާހަކުން މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އުމުރުން 20 އަހަރުގެ އޮސްކާ ބޮބް އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ވަނީ އަމިއްލަ ދަނޑުގައި ފުލަމް 1-0 އިން ބަލިކޮށް ލީގުގެ 8 ވަނަ އަށް އަރާފަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޗެލްސީ އަށް ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކޯލް ޕާމާ އެވެ.