މި އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު ވެސް އެމްޑީޕީ އަށް ކާމިޔާބުކޮށް ދޭން އިއްޔެ މާލޭގެ މޭޔަރުގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އާދަމް އާޒިމް އެދިވަޑައިގެންފި އެވެ.
އޭނަ ހޯއްދެވި ކާމީޔާބީ ފާހަގަކުރަން އެމްޑީޕީން ބޭއްވި ޖަލްސާގައި އެމްޓީސީސީގެ ކުރީގެ ސީއީއޯ ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓަކާ މޭޔަރުކަން ހަވާލު ކުރުމަކުން އަދި ނުފުދޭ ކަމަށެވެ.
"މާލޭ ރައްޔިތުން އަޑުއްސަވާ މިއަދު ތިބޭފުޅުން އަޅުގަނޑާ ތިހަވާލުކުރީ މާލޭގެ މޭޔަރުކަން. މިވަރަކުން ނުފުދޭ. ވަރަށް ބޯހަރުކޮށް އުޅުއްވަނީ. މާލޭ ރައްޔިތުން، ރާއްޖޭގެ ހުރިހާ ރައްޔިތުން، މިއަންނަ މަޖިލީސް އިންތިހާބަކީ މުހިންމު އިންތިހާބެއް،" އާޒިމު ވިދާޅުވި އެވެ. "މާލޭގެ ރައްޔިތުން ބޭނުންވާ ގެދޮރު ހޯދަން އެ އިންތިހާބު [އެމްޑީޕީއަށް ކާމިޔާބުވާން] ވަރަށް މުހިންމު. މި އިންތިހާބު ކާމިޔާބު ކުރަން ކުރި މަސައްކަތަށް ވުރެ ބުރަ މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް،"

އޭނަ ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުމުން ވެސް ވަރަށް ބޮޑަށް ފައިދާ ވެގެން ދިޔަ ކަމަށެވެ. ހާއްސަކޮށް މާލޭގެ ރައްޔިތުންނަށް ގެދޮރު ދިނުމަށް ވަރަށް ބޮޑަށް ފަސޭހަވި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އަންނަނީ މަޑުން ތިބޭކަށެއް ނޫން. ބޯހަރު ކުރަންޏާ އަޅުގަނޑުމެން ވެސް ބޯހަރު ވާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިތިބީ އެއްވެސް ހައްގެއް ގެއްލިގެން ދަންޏާ އެ ހައްގު ކަށަވަރުކޮށްދޭން މަސައްކަތް ކުރަން،" އާޒިމު ވިދާޅުވި އެވެ. "އަދި މާލެއަށް ދިމާވެފައިވާ ދަތިތަށް، ވިލިމާލެއަށް ހުޅުމާލެއަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައި ދޭނަން." އާޒިމް ވިދާޅުވި އެވެ.
އާޒިމް ދެން އެދިވަޑައިގެންނެވީ ޕާޓީ ވަރުގަދަކޮށްދީ މި އަހަރު ބާއްވާ 20 ވަނަ މަލިޖިސް ވެސް އިންތިހާބު ވެސް އެމްޑީޕީ އަށް ކާމިޔާބުކޮށް ދިނުމަށެވެ. އެންމެ ފަހުން ރާއްޖޭގައި ވެރިކަން ކުރި ޕާޓީން ވަނީ އެ އިންތިހާބުގެ 93 ދާއިރާ އަށް ވެސް ވާދަކުރަން ނިންމައިފަ އެވެ. އާޒިމު ވިދާޅުވީ ޕާޓީ އަށް ތާއީދު އިތުރު ކުރަން މަސައްކަތްކޮށް، ޕާޓީގެ ސިޔާސަތުތަކާ އެއްގޮތަށް ގައުމު ކުރިއެރުވޭނީ ޕާޓީ ވަރުގަދަކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެންގެ އެމްޑީޕީ އަކީ މިނިވަންކަން ހޯދައިދިން ޕާޓީ. މި ޕާޓީއަށް އަޅުގަނޑު އެދެނީ އަބަދުވެސް ކޮންމެ ދުވަހަކު މަސައްކަތް ކުރައްވާށޭ ޕާޓީ ވަރުގަދަ ކުރަން،" އޭނަ ވިދާޅުވި އެވެ. "ކޮންމެ ދުވަހަކު މަސައްކަތް ކުރައްވާށޭ ތާއީދު އިތުރުކުރައްވަން. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި ޕާޓީ މެދުވެރިކޮށް ގައުމު ކުރިއަރުވަން."
މަޖިލިސް އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ މާޗް 17 ގަ އެވެ.