އެމެރިކާގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް އަށް ބައޮގްރަފިކަލް ޑްރާމާއެއް ކުޅެން ހުށަހަޅައިފި އެވެ.
ވެރައިޓީން ބުނީ މި ފިލްމަކީ ކުރީގެ ލަވަކިޔުންތެރިޔާ ލިންޑާ ރޮންސްޓަޑްގެ ވާހަކަ ކިޔައިދޭ ފިލްމެއް ކަމަށާއި މީގެ ޑައިރެކްޓަރަކީ ޑޭވިޑް އޯ ރަސެލް ކަމަށެވެ. "ސިލްވަލައިނިންސް ޕްލޭބުކް" އާއި "އެމެރިކަން ހަސްލް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "އެމްސްޓަޑަމް" އެވެ.
ވެރައިޓީން ބުނީ މިހާރު އުމުރުން 77 އަހަރުގެ ލިންޑާގެ ބައޮޕިކް ޕްރޮޑިއުސްކުރަނީ ކާމިޔާބު ލަވަކިޔުންތެރިޔާގެ 2019 ގެ ޑޮކިއުމަންޓަރީ "ލިންޑާ ރޮންސްޓަޑް: ދަ ސައުންޑް އޮފް މައި ވޮއިސް" ވެސް ޕްރޮޑިއުސްކުރި ޖޭމްސް ކީޗް ކަމަށެވެ. މި ފިލްމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
ލިންޑާގެ ބައޮޕިކް ކުޅެން ސެލީނާ، 31، އަށް ހުށަހަޅާފައި އިރު، ކާމިޔާބު ފަންނާނުގެ 2013 ގެ ބައޮގްރަފީ "ސިމްޕަލް ޑްރީމްސް" ގެ ކަވަރު ސެލީނާ އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓްކޮށްފައިވެ އެވެ.
ކަންޓްރީ އަދި ރޮން އެން ރޯލް މިއުޒިކުން ވިދި ލިންޑާ މިއުޒިކީ ދާއިރާގައި ހަރަކާތްތެރިވީ 1965-2011 އަށެވެ. އެގާރަ ގްރެމީ އެވޯޑްގެ އިތުރުން މިއުޒިކީ ދާއިރާ އިން އެތައް އެވޯޑެއް ހޯދާފައިވާ ފަންނާނުގެ ކެރިއަރުގައި 29 ސްޓޫޑިއޯ އަލްބަމް ނެރެފައިވެ އެވެ.
މިއުޒިކުން ރިޓަޔަކޮށްފާނެކަމުގެ އިޝާރާތެއް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ދީފައިވާ ސެލީނާގެ އެންމެ ފަހުގެ ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ވުޑީ އެލެންގެ 2019 ގެ "އަ ރެއިނީ ޑޭ އިން ނިއު ޔޯކް" އެވެ. އޭނަގެ ކުރިއަށް ފިލްމަކީ "އެމީލިއާ ޕެރޭޒް" ކިޔާ މިއުޒިކަލް ކްރައިމް ކޮމެޑީއެކެވެ.