Last Updated: April 29, 22:06
Monday, April 29, 2024
ޚަބަރު

އަޅުގަނޑު ވާނީ އެންމެންގެ މޭޔަރަކަށް

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް

އެއްވެސް ފަރާތަކަށް ތަފާތު ނުކޮށް އެންމެންގެ މޭޔަރެއްގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނެ ކަމަށް މާލެސިޓީ މޭޔަރުކަމަށް އިންތިހާބުވި އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މާލެސިޓީގެ މޭޔަރުކަމަށް އޭނާ އިންތިހާބު ކޮށްދިނީތީ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.

އާޒިމް ވިދާޅުވީ އެއްވެސް ފަރާތަކަށް ތަފާތުނުކޮށް އޭނާވާނީ އެންމެންގެ މޭޔަރަކަށް ކަމަށެވެ.

"މާލޭ ރަށްވެހިން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަދި މާލެ ޒިޔާރާތްކުރާ ފަރާތްތަކަށް ފެހި ތަނަވަސް މާލެއެއް ހޯދައިދިނުމުގެ މަސައްކަތް މި ފެށުނީ." އާޒިމް ވިދާޅުވިއެވެ.

މާލެސިޓީއަށް މޭޔަރަކު ހޮވުމަށް އިއްޔަ ބޭއްވި އިންތިހާބު، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އާޒިމް ކާމިޔާބު ކުރެއްވީ 7621 ވޯޓުންނެވެ. ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި އައިޝަތް އާޒިމާއަށް ލިބުނީ 5031 ވޯޓެވެ. ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރެއްވި ސައިފް ފާތިހަށް 2343 ވޯޓުލިބުނުއިރު އަމިއްލަ ގޮތުން ވާދަކުރެއްވި ހުސައިން ވަހީދަށް ލިބުނީ 1888 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ޝުއައިބު އަލީ އަށް ލިބުނީ 125 ވޯޓެވެ.

ޖުމުލަ 54،680 މީހުންނަށް ވޯޓު ލުމުގެ ހައްޤުލިބިފައިވާ މި އިންތިހާބުގައި ވޯޓުލާފައިވަނީ 17،410 މީހުންނެވެ.