އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދެމުންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް 300 އަށް ވުރެ މިސްކިތެއް ސުންނާފަތިކޮށްލައިފި އެވެ.
ފަލަސްތީނު ސަރުކާރުން ބުނީ މިދިޔަ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާގެ 380 މިސްކިތެއް ސުންނާފަތިކޮށްލާފައިވާ ކަމަށެވެ. އަދި އިޒްރޭލުން ގަސްދުގައި ގާޒާގެ މިސްކިތްތަކާއި، ފައްޅިތަކާއި، ތާރީހީ ބިނާތަކަށް ހަމަލާތައް އަމާޒުކުރަމުންދާ ކަމަށާއި މީގެ ބޭނުމަކީ ގާޒާ އިން ފެންނަން ހުރި ދީނީ، ތާރީހީ އަދި ސަގާފީ ކަންކަން އެއްކޮށް ފޮހެލުން ކަމަށް ބުންޏެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 23،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ހަނގުރާމައިގައި އިޒްރޭލު ސިފައިންގެ 170 މީހަކު ވަނީ މަރުވެފަ އެވެ.
ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ. އަދި ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ މީހުންގެ މެދުގައި ނުރައްކާތެރި ބަލިތައް ފެތުރެމުންދާ މިންވަރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އދ. އިން ބުނެ އެވެ.
ހަނގުރާމަ އަށް 100 އަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އިޒްރޭލުން އަންނަނީ ހަނގުރާމަ ހުއްޓާލާނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތް ނެތިކޮށްލުމަށްފަހު ބުނެފަ އެވެ. ހަމާސްގެ ބެލުމުގެ ދަށުގައި މިވަގުތު އިޒްރޭލުން 100 އަށް ވުރެ ގިނަ މީހުން ތިބިއިރު އެ ޖަމާއަތުން ވަނީ އެމީހުން ދޫކޮށްލާނީ އިޒްރޭލުން ހަމަލާތައް އެއްކޮށް ހުއްޓާލުމަށް އެއްބަސްވުމުން ކަމަށް ބުނެފަ އެވެ.