ވަރުގަދަ ބޮޑެތި އެކްޝަން ރޯލުތަކުން ބެލުންތެރިންގެ ލޯބި ހޯދާފައިވާ އިންޑިއާގެ މަޝްހޫރު އެކްޓަރު ޕްރަބާސް ތަންކޮޅެއް "ލުއި" ރޯލަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވާން ފަށައިފި އެވެ.
އެއީ އޭނަގެ ކޮމިކް ރޯލަކުން ފެންނާނެ ތެލެގޫ ހޮރޯ-ކޮމެޑީ "ދަ ރާޖާ ސާބު" އެވެ. މި ފިލްމުގެ ޕޯސްޓަރު ވެސް މިހާރު އާންމުކޮށްފައިވާ އިރު، މީގެ ޑައިރެކްޓަރަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ މަރޫތީ އެވެ. އެކަމަކު އަދި "ދަ ރާޖާ ސާބު"
ބެލުންތެރިންނަށް ދޫކޮށްލާނެ އިރެއް އިއުލާނެއް ނުކުރެ އެވެ.
"ބާހްބަލީ" ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ހޯދި ޕްރަބާސްގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ މެއި 9 އަށް ތާވަލުކޮށްފައިވާ ބޮޑު ބަޖެޓް، ސައިންސް ފިކްޝަން ފިލްމު "ކަލްކީ: 2898 އޭޑީ" އެވެ. މީގެ ކާސްޓްގައި ދީޕިކާ ޕަދްކޯން، އަމީތާބް ބައްޗަން، ކަމަލް ހަސަން އަދި ޑިޝާ ޕަޓާނީ ހިމެނެ އެވެ.
ޕްރަބާސްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި އެކްޝަން ތުރިލާ "ސަލާރް" އެވެ. އޭނަ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި މިދިޔަ މަހު ރަންބީރް ކަޕޫރްގެ ބޮޑު ހިޓް "އެނިމަލް" ގެނެސްދިން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ "ސްޕިރިޓް" ހިމެނެ އެވެ.