އިންޑިއާގެ ދެކުނުގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ރަޝްމިކާ މަންދަނާ އާއި ވިޖޭ ދެވަރަކޮންޑާ އަންނަ މާޗް މަހުގެ ތެރޭގައި އެންގޭޖްވާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ދެ ތަރިން ރައްޓެގިވެގެން އުޅޭ ވާހަކަ ދެކެވޭތާ މިހާރު އެތައް ދުވަހެކެވެ. އެކަމަކު އެ މީހުން އެކަމަށް ރަސްމީކޮށް އެއްބަހެއް ނުވެ އެވެ. މިދިޔަ އަހަރު އެކީގައި ރާއްޖެ އަށް ޗުއްޓީ އަށް ވެސް އައި ރަޝްމިކާ އާއި ވިޖޭ މިހާރު އަންނަނީ ވިއެޓްނާމްގައި ޗުއްޓީ ހޭދަކުރަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ މީހުން އަންނަ މާޗް މަހުގެ މެދު ތެރޭގައި އެންގޭޖްވުމަށް ފަހު، މާ ލަސްތަކެއް ނުވެ ކައިވެނި ވެސް ކުރާނެ އެވެ.
ރަޝްމިކާ، 27، އަކީ މިހާރު ބޮލީވުޑްގައި ވެސް ކުރިއަރަމުން އަންނަ ބަތަލާއެކެވެ. އޭނަގެ ފުރަތަމަ ހިންދީ ފިލްމަކީ އަމީތާބް ބައްޗަންގެ 2022 ގެ "ގުޑްބާއި" އެވެ. އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި ރަންބީރް ކަޕޫރްގެ "އެނިމަލް" އެވެ. ރަޝްމިކާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޕުޝްޕާ 2"، "ރެއިންބޯ"، "ދަ ގާލްފްރެންޑް" އަދި "ޗާވާ" ހިމެނެ އެވެ.
ދެހާސް ބާވީހުގައި ރިލީޒްކުރި "ލައިގާ" އިން ބޮލީވުޑަށް ނުކުތް ވިޖޭ، 34، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ތެލެގޫ ފިލްމު "ކުޝީ" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ފެމިލީ ސްޓާ" ހިމެނެ އެވެ.
ރަޝްމިކާ އާއި ވިޖޭ އެކީގައި ކުޅުނު ފިލްމުތަކަކީ 2018 ގެ ތެލެގޫ ފިލްމު "ގީތާ ގޯވިންދަމް" އާއި 2019 ގެ ތެލެގޫ ފިލްމު "ޑިއާ ކޮމްރޭޑް" އެވެ.