Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އަލުން ފަސްކުރަނީ

މި އަހަރުގެ މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ އިތުރުން ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން ހޮވަން ޕްރައިމަރީ ބާއްވާ ތާރީހު ދެވަނަ ފަހަރަށް ފަސްކުރަން ނިންމާފައިވާކަން އެނގިއްޖެ އެވެ.

ކުރިން މިދިޔަ މަހުގެ 23 ގައި ބާއްވަން އޮތް ޕްރައިމަރީ ފަހުން އޮތީ މި މަހުގެ 20 އަށް ފަސްކޮށްފަ އެވެ. ނަމަވެސް މިހާރު އެނގިފައިވާ ގޮތުގައި ޕްރައިމަރީ ބާއްވާ ތާރީހު ހަފުތާއަކަށް ފަސްކޮށް، އާ ތާރީހަކަށް މި މަހުގެ 27 ހަމަޖައްސަން ދެ ޕާޓީގެ ސެނެޓުން ވަނީ މަޝްވަރާކޮށްފަ އެވެ. އަދި އެކަން ކެންޑިޑޭޓުންނަށް އަންގަމުން އަންނަ ކަމަށް ޕީއެންސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ނަމަވެސް މިކަން އަދި ރަސްމީކޮށް ޕީއެންސީން އަދި އިއުލާނެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި ޕްރައިމަރީ ފަސްކުރަން އަލުން ނިންމީ މިދިޔަ ހޮނިހިރު ދުވަހު މާލޭގެ މޭޔަރު ހޮވަން ބޭއްވި ބައި-އިލެކްޝަން ޕީއެންސީ އަށް ގެއްލުމާ ގުޅިގެން، މަޖިލިސް ކެމްޕޭނަށް ކުރިއަށް ވުރެ ބޮޑަށް ތައްޔާރުވާން، ވާދަކުރާ ކެންޑިޑޭޓުންނަށް ޕްރައިމަރީ ކެމްޕޭނަށް ގިނަ ވަގުތު ވެސް ދިނުމުގެ ގޮތުންނެވެ. މޭޔަރުގެ ބައި-އިލެކްޝަނުން ބަކިވުމުން ޕީއެންސީން ބުނެފައި ވަނީ ކުރިއަށް ހުރި އިންތިހާބުތަކަށް ވަރަށް ބޮޑަށް ތައްޔާރުވާނެ ކަމަށާއި މި ފަހަރު ހެދުނު ގޯސްތައް ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ރާވާނެ ކަމަށެވެ.

މަޖިލިސް އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ މާޗް 17 ގަ އެވެ. މި އިންތިހާބަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މި މަހުގެ 30 ގައި ހުޅުވައިލާނެ އެވެ.