Last Updated: July 17, 15:06
Friday, July 17, 2026
ދުނިޔެ

އެމެރިކާގެ ކޮންމެ ބޯޓަކަށް ދެން ހަމަލާ ދޭނަން

ރަތްކަނޑުން ދަތުރުކުރާ އެމެރިކާގެ ކޮންމެ ބޯޓަކަށް ދެން ހަމަލާދޭނެ ކަމަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ބުނެފި އެވެ.

ރަތްކަނޑުން އިއްޔެ ދަތުރުކުރި އެމެރިކާގެ ކޮންޓެއިނަރު ބޯޓަކަށް ހޫތީން ފޮނުވާލި މިސައިލު ހަމަލާއެއް އަމާޒުވެފައިވާއިރު، ހޫތީންގެ ތަރުޖަމާނު ނަސްރުއްދީން އަމީރު ވިދާޅުވީ މިދިޔަ ހަފްތާގައި ޔަމަނުގައި ހޫތީން ތިބޭ އެކި ސަރަހައްދުތަކަށް އެމެރިކާ އާއި އިނގިރޭސިވިލާތުން ދިން ހަމަލާއަށްފަހު އެ ދެ ގައުމުގެ ބޯޓުތަކަށް ހޫތީން ހަމަލާތައް އަމާޒުކުރާނެ ކަމަށެވެ.

ހޫތީން މީގެކުރިން ހަމަލާތައް އަމާޒުކުރަމުންދިޔައީ ރަތްކަނޑުން ދަތުރުކުރާ އިޒްރޭލު ނުވަތަ އިޒްރޭލަށް ދަތުރުކުރާ ބޯޓުތަކަށް ކަމަށްވާއިރު ނަސްރުއްދީން ވަނީ މީގެފަހުން އެމެރިކާގެ ބޯޓުތައް އިޒްރޭލަށް ދަތުރުނުކުރި ނަމަވެސް ހަމަލާތައް ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

"އެމެރިކާގެ ބޯޓެއްކަން ކަށަވަރުވާ ހިސާބުން ހަމަލާ ދޭނަން،" ނަސްރުއްދީން ވިދާޅުވި އެވެ.

ހޫތީން އިއްޔެ އެމެރިކާގެ ބޯޓަކަށް ހަމަލާއެއް އަމާޒުކުރި ނަމަވެސް އޭގައި ތިބި އެއްވެސް ފަޅުވެރިއަކަށް އަނިޔާވެފައެއް ނުވެ އެވެ. އަދި އެ ބޯޓަށް ދަތުރު ނުކުރެވޭ ވަރުގެ ގެއްލުމެއް ވެސް ލިބިފައެއް ނުވެ އެވެ.

ހޫތީން ރަތްކަނޑުގައި ދަތުރުކުރާ އުޅަނދުތަކަށް ހަމަލާތައް ދޭން ފެށީ އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ އެވެ. އުޅަނދުތަކަށް ހަމަލާދޭތީ މިދިޔަ ހަފްތާގައި އެމެރިކާ އާއި އިނގިރޭސިވިލާތުން ވަނީ ޔަމަނުގައި ހޫތީން ތިބޭ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދީފަ އެވެ. އަދި ރަތްކަނޑުން ދަތުރުކުރާ އުޅަނދުތަކަށް ހޫތީން ހުރަސްއަޅާނަމަ އަދިވެސް ހަމަލާތައް ދޭން ޖެހިލުން ނުވާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ދެއްވާފަ އެވެ.

ޔަމަނުގެ ވެރި ރަށް، ސައްނާއާއި އެގައުމުގެ އުތުރުގެ ބޮޑު ބައެއްގެ މައްޗަށް ބާރު ފޯރުވަނީ ހޫތީން ކަމަށްވާއިރު ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރާ ގޮތުގައި ހޫތީންނަކީ އިރާނުގެ އެހީތެރިކަމާއެކު ހަރަކާތްތެރިވާ ޖަމާއަތެކެވެ.