Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ފީފާގެ މޮޅު ކުޅުންތެރިޔަކީ މެސީ

މިިދިޔަ އަހަރުގެ ފީފާގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ކާމިޔާބުކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި އެވޯޑު މެސީ ގެންދިޔައީ ޕީއެސްޖީގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ އަދި މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވާޑް އާލިންގް ހާލަންޑާއި ވާދަކޮށެވެ.

މިއީ ފީފާ އިން ބެސްޓް އެވޯޑު ތައާރަފް ކުރިފަހުން މި އެވޯޑު މެސީ ކާމިޔާބުކުރި ތިންވަނަ ފަހަރެވެ.

މި އެވޯޑު މެސީ ،36، ގެންދިޔައިރު އޭނާ މިދިޔަ އަހަރު ފެށީ ފްރާންސްގެ ޕީއެސްޖީގައި ހުރެގެންނެވެ. ޕީއެސްޖީއާއެކު މިދިޔަ އަހަރު މެސީ ފްރެންޗް ލީގު ކާމިޔާބު ކުރިއިރު އޭނާ ވަނީ މިދިޔަ އަހަރު ފްރެންޗު ލީގުގައި 9 ގޯލު ކާމިޔާބުކޮށްފަ އެވެ. ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމާއެކު މިދިޔަ ޖޫން މަހު މެސީ ވަނީ އެމެރިކާގެ ލީގުގެ ކްލަބެއް ކަމަށްވާ އިންޓަ މަޔާމީ އަށް ބަދަލުވެފަ އެވެ. އެގޮތުން މިދިޔަ ސީޒަނުގައި އިންޓަ މަޔާމީ އަށް ކުޅެދިން 7 މެޗުގައި 10 ގޯލު ކާމިޔާބުކޮށް އެ ކްލަބާއެކު ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ. މިއީ އިންޓަ މަޔާމީގެ ތާރީހުގައި ހޯދި ފުރަތަމަ ތައްޓެވެ.

އެންމެ މޮޅު ފިރިހެން ކުޅުންތެރިއާގެ މަގާމު މެސީ ގެންދިޔައިރު އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވުނީ ބާސެލޯނާގެ މިޑްފީލްޑަރު އައިޓާނާ ބޮންމަޓީ އެވެ. އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާމު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ހޯދިއިރު އެންމެ މޮޅު އަންހެން ކޯޗުގެ މަގާމު ގެންދިޔައީ އިންގްލެންޑް ގައުމީ ޓީމުގެ ކޯޗު ސެރީނާ ވީގްމެން އެވެ.

މިއަހަރުގެ އެންމެ މޮޅު ފިރިހެން ގޯލްކީޕަރުގެ މަގާމު ގެންދިޔައީ ސިޓީގެ ގޯލްކީޕަރު އެޑަސަން އެވެ. އެންމެ މޮޅު އަންހެން ގޯލްކީޕަރުގެ މަގާމު ގެންދިޔައީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ މެރީ އީޕްސް އެވެ.

އަހަރުގެ އެންމެ މޮޅު ގޯލަށް ދޭ ޕުސްކަސް އެވޯޑް މި ފަހަރު ހާސިލްކުރީ ބްރެޒިލްގެ މަޑްރުގާ އެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި ވަނީ މިއަހަރުގެ އެންމެ މޮޅު ފިރިހެން 11 ކުޅުންތެރިން ހިމެނޭ ޓީމުވެސް އިއުލާންކޮށްފަ އެވެ.

އެގޮތުން އެޓީމުގެ ކީޕަރަކީ ތިބޯ ކޯޓުއާ އެވެ. ޑިފެންޑަރުންނަކީ ޖޯން ސްޓޯންސް އާއި ކައިލް ވޯކާ އާއި ރުބެން ޑިއާސް އެވެ. މިޑްފީލްޑަރުންނަކީ ބެނާޑޯ ސިލްވާ އާއި ޖޫޑް ބެލިންހަމް އާއި ކެވިން ޑި ބްރޭނާ އެވެ. ފޯވާޑުންނަކީ ކިލިއަން އެމްބާޕޭ އާއި އާލިން ހާލަންޑްގެ އިތުރުން މެސީ އާއި ވިނީޝަސް ޖޫނިއާ އެވެ.