Last Updated: April 29, 22:11
Monday, April 29, 2024
ޚަބަރު

ޓޯކުރި ސައިކަލެއް ގެއްލުމުން ބަދަަލުގެ ގޮތުގައި 82،000ރ ދޭން ޖެހިއްޖެ

ސިވިލް ކޯޓު- ފޮޓޯ: މުހައްމަދު ޝަރުހާން

ފުލުހުންގެ ޓޯޔާޑަށް ގެންދިޔަ ސައިކަލެއް ގެއްލުމުން ބަދަލުގެ ގޮތުގައި 82،900 ރުފިޔާ ދިނުމަށް ފުލުހުންގެ ހިދުމަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި މުހައްމަދު ޒިޔާން ކިޔާ މީހަކު ފުލުހުންގެ ހިދުމަތާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައިވަނީ، 2022 އޭޕްރިލް 7 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ގައި އޭނާގެ ސައިކަލު ދުއްވަނިކޮށް ހިނގި އެކްސިޑެންޓަކާއި ގުޅިގެން އޭނާގެ ޖީއެން ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެވަގުތު އޭނާގެ އަތުގައި ލައިސެންސް ނެތީސް ސައިކަލު ދުއްވާފައިވާތީއެވެ.

ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 15 ދުވަހުގެ މުއްދަތަކަށް ކަމަށާއި، އަދި މުއްދަތު ހަމަވުމުން ސައިކަލުބަލާ ހުޅުމާލެ ޓޯޔާޑަށް ދިއުމުން ސައިކަލު ގެއްލިއްޖެކަން ފުލުހުންގެ ވާހަކައިން އެނގުނުކަމަށެވެ. އަދި ސައިކަލު ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށް ގެއްލިފައިވާ މައްސަލަ ރަޖިސްޓްރީކޮށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފައިވާކަމަށް ދައުވާކުރާ ފަރާތުން ބުނެފައިވެއެވެ.

ދައުވާގައި ބުނެފައިވަނީ ސައިކަލު ގެއްލުނީ ފުލުހުންގެ އިހުމާލުންކަމަށް އިއުތިރާފުވެފައިވާ ކަމަށާއި، ސައިކަލު ގެއްލުުގެ ސަބަބުން ދައުވާކުރާ ފަރާތަށް ލިބެމުންދާ އަދި ލިބިފައިވާ ގެއްލުމަށް ދައުލަތުން ޒިންމާވާންޖެހޭނެ ކަމަށެވެ. އެހެންކަމުން ދައުވާކުރާ ފަރާތުށް އެދިފައިވަނީ ސައިކަލު ގަންނަން ހަރަދުވި 57،900 ރުފިޔާއާއި ޕިއުނިޓިވް ޑެމޭޖަސްގެ ގޮތުގައި 19،300 ރުފިޔާއާއި ވަކީލު ފީގެ ގޮތުގައި 25،000 ރުފިޔާއާއެކު ޖުމުލަ 102،200 ރުފިޔާ ބަދަލުގެ ގޮތުގައި ނަގައިދިނުމަށެވެ. އަދި ނޮމިނަލް ޑެމޭޖެސްއާއި އެގްރެވޭޓެޑް ޑެމޭޖަސްގެ ގޮތުގައި ޝަރީއަތަށް ފެންނަ އަދަދެއް ކަނޑައަޅައި ދިނުމަށާއި، ސައިކަލަށް އިތުރު އެއްވެސް ހަރަދެއްކޮށްފައިވާނަމަ އެ ހަރަދު ފަހުން ޝަރިއަތަށް ހުށަހަަޅައިގެން ހޯދުމުގެ ހައްޤު ދައުވާކުރާ ފަރާތަށް ލިބިގެންވާކަމަށް ކަނޑައަޅައި ދިނުމަށްވެސް ދައުވާކުރާ ފަރާތަށް ހުށަހަޅާފައިވެއެވެ.

މި މައްސަލައިގައި ފުލުހުންގެ ފަރާތުން ސިވިލް ކޯޓުގައި ވަނީ އެ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަނަމަވެސް ރައްދުކުރެވިފައި ނުވާކަމަށް އެއްބަސްވެފައެވެ. މި ސައިކަލު ޓޯޔާޑްގެ ތެރެއިން ގެއްލިފައިވަނީ ނައްތާލުމަށް ނެރުނު ސައިކަލުތަކާއެކު ދައުވާކުރާ ފަރާތުގެ ސައިކަލު އޮޅިގެން ނައްތާލެވިގެން ކަމަށްވެސް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.

އެހެންކަމުން މި މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ވަނީ ދައުވާ ކުރާ ފަރާތުގެ ސައިކަލުގެ އަގުގެ ގޮތުގައި ހޯދުމަށް އެދިފައިވާ 57،900 ރުފިޔާއާއި ވަކީލު ފީގެ ގޮތުގައި ހޯދުމަށް އެދުނު 25،000 ރުފިޔާއާއެކު ޖުމުލަ 82،900 ރުފިޔާ 7 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ދައުވާކުރާ ފަރާތަށް ދެއްކުމަށް ފުލުހުންގެ މައްޗަށް ހުކުމް ކޮށްފައެވެ. އަދި ޕިއުނަޓިވް ޑެމޭޖެސް އާއި ނޮމިނަލް ޑެމޭޖަސް އަދި އެގްރެވޭޓެޑް ޑެމޭޖަސްގެ ގޮތުގައި ހޯދުމަށް އެދުނު ފައިސާ ދައުވާލިބޭ ފަރާތުގެ ކިބައިން ނަގައިދެވެން ނެތްކަމަށްވެސް ހުކުމް ކޮށްފައިވެއެވެ.