ސްޓާ ޕްލަސްގެ "އިޝްގްބާޒް" ފަދަ މަގުބޫލު ސިލްސިލާތައް ކުޅުނު އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ސުރްބީ ޗަންދްނާ ކައިވެނިކުރަން އުޅޭކަން އިއުލާންކޮށްފި އެވެ.
ލޯބިވެރިޔާ ކަރަން ޝަރުމާއާ އެކީ ނަގާފައިވާ ފޮޓޯއަކާ އެކީ އޭނަ އިންސްޓަގްރާމްގައި ބުނީ ދެ މީހުން މިހާރު ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ނަމަވެސް ވަކި ތާރީހެއް ހާމައެއް ނުކުރެ އެވެ. ސުރްބީ އާއި ކަރަން ރައްޓެހިވެގެން އުޅޭތާ މިހާރު 13 އަހަރުވެއްޖެ އެވެ.
އިންޑިއާގެ އެންމެ މަގުބޫލު ޓީވީ ތަރިންގެ ތެރޭގައި ހިމެނޭ ސުރްބީ، 34، ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ގުބޫލް ހޭ"، "ސަންޖިވްނީ" އަދި "ނާގިން 5" ހިމެނެ އެވެ. އޭނަ އެންމެ ފަހުން ކުޅުނު ސިލްސިލާ އަކީ ކަލާސް އިން މިދިޔަ އަހަރު ގެނެސްދިން "ޝެރުދިލް ޝެރްގިލް" އެވެ.
ވީޑިއޯ ލަވަތަކެއް ވެސް ކުޅެފައިވާ ސުރްބީ އަކީ ބޮލީވުޑްގެ ބަތަލާ ވިދިއާ ބަލަންގެ 2014 ގެ ފިލްމު "ބޮބީ ޖާސޫސް" ގެ ރޯލެއް ވެސް ކުޅުނު ބަތަލާއެކެވެ.