Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

އަރަބި ބަހުން ކިޔަވައި ދޭން ޓީޗަރުން ތަމްރީނު ކުރަނީ

މާލޭގެ އަރަބިއްޔާ ސްކޫލްގައި އަރަބި ބަހުން ކިޔަވައި ދޭނެ ދިވެހި ޓީޗަރުން ތަމްރީނު ކުރަން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ މިހާރު އަރަބިއްޔާ ސްކޫލްގެ ސާނަވީ ގްރޭޑްތަކަށް އާންމުކޮށް ކިޔަވައިދެނީ ބިދޭސީ މުދައްރިސުން ކަމަށާއި، އެކަން ބަދަލު ކުރައްވަން ބޭނުންވާ ކަމަށެވެ. އެގޮތުން މިނިސްޓްރީއާ ގުޅިފައިވާ ޖަމިއްޔާތަކާއި ގައުމުތައް މެދުވެރިކޮށް، އަރަބިއްޔާ ސްކޫލްގައި އަރަބި ބަހުން ކިޔަވައިދޭނެ ދިވެހި ޓީޗަރުން ތަމްރީނު ކުރުމުގެ ޕްލޭނެއް އެކުލަވާލާފައި އޮތް ކަމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކެމިސްޓްރީއާ ފިޒިކްސްއާ އެކިއެކި ސައިންސް ސަބްޖެކްޓްތަކުގެ އިތުރަށް ބިޒްނަސް ސްޓްރީމްގެ ސަބްޖެކްޓްސްތައް ވެސް އަރަބި ބަހުން ކިޔަވައި ދެވޭނެ ދިވެހިން ތަމްރީނު ކުރުމުގެ ހާއްސަ ޕްރޮގްރާމެއް، އަޅުގަނޑުމެންނާ ގުޅިފައިވާ ބޭރު ގައުމުތަކުގެ އެހީގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމްގެ ދަށުން 3-4 އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި، އެކިއެކި މާއްދާތައް އަރަބި ބަހުން ކިޔަވައިދޭނެ ދިވެހި ޓީޗަރުން އެކަށީގެންވާ އަދަދަކަށް ތަމްރީނު ކުރެވޭނެ އެވެ. އަދި އޭގެ ސަބަބުން އަރަބިއްޔާ ސްކޫލްގެ ހިންގުމަށް އިތުރު ފުރިހަމަ ކަމެއް ލިބި، ރާއްޖޭގައި އަރަބި ތައުލީމު ފުޅާ ކުރުމަށް ވެސް މަގުފަހި ވާނެ ކަމަށް ވިދާޅުވި އެވެ

އަރަބިއްޔާ ރާއްޖޭގައި ހަމައެކަނި އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލެވެ.