Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

ބިރު ދައްކައި ފޭރުނު މީހަކު ހައްޔަރުކޮށްފި

ތޫނު ހަތިޔާރު ބޭނުންކޮށް ބިރުދައްކައި ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ހައްޔަރު ކޮށްފައިވަނީ މާލެ، ގަލޮޅު ބައެއް ފިހާރަތަކަށާއި ބޭސް ފިހާރަތަކަށް މޫނުނިވާކޮށްގެން ވަދެ ތޫނު ހަތިޔާރު ބޭނުންކޮށްގެން، ފިހާރައިގެ ކޭޝިއަރަށް ބިރުދައްކައި ފޭރުނު މީހެއްކަމަށެވެ.

ޑިސެމްބަރު 25 ވަނަ ދުވަހުން ފެށިގެން ޖަނަވަރީ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުށަހަޅާފައިވާ އެފަދަ 3 މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ ގަލޮޅު ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ޖަނަވަރީ 14 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މައްސަލައާ ގުޅުންހުރި ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ޖަނަވަރީ 15 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.