Last Updated: May 2, 11:41
Thursday, May 2, 2024
ޚަބަރު

ހަނގުރާމަ އަށް ދާން އުޅޭކަން އެނގޭ ނަމަ ރިޕޯޓްކުރޭ

ރާއްޖެއިން ބޭރުގައި ހިނގާ އެކިއެކި ހަނގުރާމަތަކުގައި ބައިވެރިވުމުގެ ވިސްނުން ގެންގުޅޭ ދިވެހިން އަދިވެސް ރާއްޖޭގައި އެބަތިބި ކަމަށާއި އެފަދަ އެއްވެސް މީހަކު އެނގޭނަމަ އަވަހަށް ރިޕޯޓް ކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އެދިވަޑައިގެންފިއެވެ.

މިނިސްޓަރު އިހުސާން މިފަދައިން ވިދާޅުވެފައިވަނީ މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ސީރިއާގައި ތިބި 21 ދިވެއްސަކު މިއަދު ރާއްޖެ ގެނެސްފައިވާކަން ހާމަކޮށް ދެއްކެވި ވާހަކައިގައެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ ހަނގުރާމަވެރި ސަރަހައްދުތަކަށް ދިޔުމުގެ ވިސްނުން ގެންގުޅޭ ދިވެހިން އަދިވެސް އުޅޭ ކަމަށެވެ. އެހެންނަމަވެސް މިހެން ރާއްޖެ ދޫކޮށްދާ ފަރާތްތައް ޖެހޭ ހާލާއި މެދު ވިސްނަންޖެހޭ ކަަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާން ވަނީ މިފަދަ މީހުން ރާއްޖެއިން ފުރުމުގެ ކުރިން އެކަން އެނގޭނަމަ ރިޕޯޓްކުރުމަށް އެދިފައެވެ. އަދި އެފަދަ ހިޔާލެއް ގެންގުޅޭ މީހަކު އެނގޭނަމަ ވެސް ރިޕޯޓް ކުރުމަށް މިނިސްޓަރު އިހުސާން އެދިވަޑައިގަތެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ ހަނގުރާމައިގެ އެކި ސަރަހައްދުތަކުގައި ރާއްޖެއަށް ނިސްބަތްވާ 100 އެއްހާ މީހުން ތިބިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން 90 އެއްހާ މީހުންނާ ކަމާގުޅޭ ފަރާތްތަކަށް ކޮމިއުނިކޭޓް ކުރެވިފައިވާކަމަށާއި އެ 90 މީހުން އެނބުރި ރާއްޖެއަށް އަންނަން ބޭނުންވާ ކަމަށެވެ.