ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހިގަމުންދާ އިންސާނީއްޔަތާއި ހިލާފް އެކި ޖަރީމާތަކާއި ގުޅިގެން ފުލުހުންނާއި ސިފައިން ލަދުގަންނަން ޖެހޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލާ އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ސަރުކާރުގެ ތެރޭން ވަކިބަޔަކު ހިމާޔަތް ކުރުމަށް ފުލުހުންނާއި ސިފައިން މަސައްކަތް ކުރަމުންދާކަން އެއީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ ފުލުހުންނާއި ސިފައިންގެ ތެރޭގައި ތިއްބެވި ގިނަ ބޭފުޅުންނަކީ އިންސާފަށް ލޯބި ކުރައްވާ ބޭފުޅުންކަން ގަބާލު ކުރައްވާ ކަަމަށާއި އެހެންކަމުން އިންސާނީޔަތާއި ހިލާފް ބޮޭޑެތި ޖަރީމާތައް ހިންގަމުންދާ މީހުން ދިފާއިކުރުމުގެ ބަދަލުގައި ފުލުހުންނާއި ސިފައިން ދިފާއުކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނުއަސާސީ ކަަމަށެވެ.
އަދި ފުލުހުންނާއި ސިފައިން ސަރުކާރުގެ ތެރެއިން ވަކިބަޔަކު ހިމާޔަތް ކުރުމުގެ ބަދަލުގައި މަސައްކަތް ކުރަންޖެހޭނީ ރައްޔިތުންގެ ހިމާޔަތާއި ރަށްކާތެރިކަން ކަށަވަރުކޮށްދީ އެ މީހުންގެ ހައްގުތައް ހޯދައި ދިނުމަށް މަސައްކަތް ކުރުން ކަމަށް ވެސް ޑީއާރްޕީގައި ސިޔާސީ ހަޔާތް ފެއްޓެވި މެންބަރު ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ މިހާރު ރާއްޖޭގައި ކްރޮޕްޝަނާއި ބޮޑެތި ޖަރީމާތައް ހިންގުން އާންމުވެފައިވާއިރު އެފަދަ ކަންތައްތައްތަކަށް އިންސާފް ލިބިގެންނޫނީ ގައުމުގައި އެއް ވެސް ބަޔަކަށް އެއް ވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ.