ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ރަވީނާ ޓަންޑަންގެ އަންހެން ދަރިފުޅު ރަޝާ ތަޑާނީ ބޮލީވުޑަށް ނެރޭ ފިލްމުގެ ނަމަކީ "ޝަރާބީ" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މީގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު، ފިލްމުގެ ބަތަލުގެ ރޯލުން، އަޖޭ ދޭވްގަނަށް ބޮޑުބޭބެ ކިޔާ އަމަން ދޭވްގަން ވެސް ތައާރަފުކުރާނެ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ޝަރާބީ" ގެ ހާއްސަ ރޯލުތަކުން އަޖޭ އާއި ޑަޔާނާ ޕެންޓީގެ އިތުރުން ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ ސިލްސިލާ "ބާތޭ…ކުޗް އަންކަހީ ސީ" ގެ ބަތަލު މޯހިތު މަލިކް ވެސް ފެންނާނެ އެވެ.
އެކަމަކު މި ފިލްމު އަދި ރަސްމީކޮށް އިއުލާން ނުކުރާތީ ފިލްމާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް އަދު ކަށަވަރެއް ނުވެ އެވެ.
"ޝަރާބީ" ޑައިރެކްޓަރަކީ "ރޮކް އޮން" އާއި "ކައި ޕޯ ޗޭ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އަބީޝެކް ކަޕޫރެވެ. އޭނަ އަކީ 2018 ގެ "ކޭދަރުނާތު" އިން ސާރާ އަލީ ޚާން ވެސް ބޮލީވުޑަށް ނެރުނު ޑައިރެކްޓަރެވެ. އަބީޝެކް އެންމެ ފަހުން ގެނެސްދިން ފިލްމަކީ އަޔޫޝްމަން ކްރާނާ އާއި ވާނީ ކަޕޫރް ކުޅުނު 2022 ގެ "ޗަންދީގަޅް ކަރޭ އާޝިގީ" އެވެ.