މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާ، އަރަބިއަން ޓްރެވަލް މާކެޓު (އޭޓީއެމް) ގައި ރާއްޖެ އިޝްތިހާރުކުރަން ބައިވެރިމުގެ ފުރުސަތު، އެ ދާއިރާގެ ކުންފުނިތަކަށް ހުޅުވާލައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިއަދު ބުނީ އެ ފެއާ އޮންނާނީ މެއި 6-8 އަށް ދުބާއީގެ ވާލްޑް ޓްރޭޑް ސެންޓަރުގައި ކަމަށެވެ. އެހެންވެ އޭޓީއެމް ފެއާގައި ރާއްޖެ އިޝްތިހާރުކުރަން ބައިވެރިވާން ބޭނުންވާ ކުންފުނިތައް، އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި ގޫގުލް ފޯމު މެދުވެރިކޮށް އެމްއެމްޕީއާރުސީގައި އެދެން ޖެހެ އެވެ.
މި ފެއާގައި މީގެ ކުރިން ވެސް ރާއްޖެ މާކެޓްކޮށްފައިވާ އިރު، މިއީ އޭޓީއެމް ފެއާ ބާއްވާތާ 30 ވަނަ އަހަރެވެ.
މެދުއިރުމަތީގެ އެކި ގައުމުތަކުން ކޮންމެ އަހަރަކު ވެސް ރާއްޖެ އަށް ޓޫރިސްޓުން އާދެ އެވެ. އެކަމަކު ރާއްޖޭގެ ޓޮޕް 10 މާކެޓަކުން އިރުމަތީގެ ގައުމުތަކަށް ޖާގައެއް ނުލިބެ އެވެ.
ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ދާދި ފަހުން ވިދާޅުވެފައި ވަނީ މި އަހަރު ރާއްޖެ އިން އާ މާކެޓްތަކެއް ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު މަދުވެގެން ދެ މިލިއަން ޓޫރިސްޓުން ގެނައުމެވެ.
އޭޓީއެމްގެ ފެއާގެ އިތުރުން އައިޓީބީ ޗައިނާ އާއި އީސްޓް މެޑިޓެރޭނިއަން އިންޓަނޭޝަލް ޓޫރިޒަމް އެންޑް ޓްރެވެލް އެގްޒިބިޝަން (އެމިޓް) ގައި ވެސް ރާއްޖެ އިޝްތިހާރުކުރަން ކުންފުނިތަކަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.