ބޮލީވުޑްގެ ކުރީގެ ބަތަލާ އީޝާ ޑިއޯލްގެ ކައިވެނި ރޫޅިފައިވާކަމުގެ އަޑުތަކެއް ފެތުރެން ފަށައިފި އެވެ.
މި ވާހަކަ އެކި މީހުން ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާ އިރު، މިކަމާ ބެހޭ ގޮތުން އީޝާ އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ. މަޝްހޫރު ދެ ތަރިން ކަމަށްވާ ދަރުމެންދުރާ އާއި ހެމާ މާލިނީގެ ދެ އަންހެން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅު، އީޝާ އާއި ބާރަތު ތަހްތާނީ ކައިވެނިކުރީ 2012 ގަ އެވެ.
އެ ކައިވެންޏަށް ދެ އަންހެން ކުދިން ވެސް ލިބިފައިވާ އިރު، ކައިވެނި ރޫޅިފައިވާކަމުގެ ވާހަތަކާ އެކީ ބައެއް މީހުން ބުނެފައި ވަނީ އޭގެ އެއް ހެއްކަކީ މި ފަހުން ފިރިމީހާއާ އެކީ ނަގާފައިވާ އެއްވެސް ފޮޓޯއެއް ވެސް އީޝާ އިންސްޓަގްރާމަށް ނުލާ ކަމަށެވެ. އަދި އެކިއެކި އިވެންޓްތަކުން މިހާރު އޭނަ މުޅިން ވެސް ފެންނަނީ މަންމަ ހެމާއާ އެކީގައި ކަމަށް ގިނަ ބަޔަކު ފާހަގަކުރެ އެވެ.
އީޝާ އަކީ ބޮލީވުޑުން މާ ބޮޑު ކުރިއެރުމެއް ލިބޭ ގޮތް ނުވުމުން އިންޑަސްޓްރީއާ ފެއަށް ޖެހުނު ބަތަލާއެކެވވެ. އޭނަގެ ފުރަތަމަ ފިލްމަކީ 2002 ގެ "ކޮއި މެރެ ދިލް ސޭ ޕޫޗޭ" އެވެ. އީޝާގެ ކެރިއަރުން ހަމައެކަނި ފާހަގަކޮށްލެވޭ ފިލްމަކީ 2004 ގެ "ދޫމް" އެވެ.
މިދިޔަ އަހަރު ޔޫޑްލީ ފިލްމްސް އިން ސްޓްރީމްކުރި ސުނިލް ޝެޓީގެ ވެބް ސީރީޒް "ހަންޓާ ޓޫޓޭގާ ނެހީ ތޯޅޭގާ" ގެ ރޯލަކުން އީޝާ ފެނިފައިވެ އެވެ.
އީޝާ އަކީ މަޝްހޫރު އެކްޓަރުން ކަމަށްވާ ސަނީ އާއި ބޮބީ ޑިއޯލްގެ އެއްބަފާ ކޮއްކޮއެކެވެ.