އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ހިނގަމުންދާ ހަނގުރާމަ ވީ އެންމެ އަވަހަކަށް ނިމެންޖެހޭ ކަމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.
އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު މިހާތަނަށް އިޒްރޭލަށް މި ހަނގުރާމައިގައި މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.
އެމެރިކާގެ "ސީއެންބީސީ" އަށް ދިން އިންޓަވިއުއެއްގައި ބްލިންކެން ވިދާޅުވީ އެމެރިކާ ސަރުކާރުގެ ފުރިހަމަ ތާއީދު އިޒްރޭލަށް އެބައޮތް ކަމަށާއި ނަމަވެސް މި ހަނގުރާމަ ވީ އެންމެ އަވަހަކަށް ނިމެން ބޭނުންވާ ކަމަށެވެ. ހަނގުރާމަ ނިމުމާ ހަމައަށް އާންމުންނަށް ރައްކާތެރިކަން ދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށާއި މި ހަނގުރާމައިގެ ސަބަބުން އެތައް ބަޔަކަށް އަސަރު ކުރަމުންދާ ކަމަށް ބްލިންކެން ވިދާޅުވި އެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 24،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ހަނގުރާމައިގައި އިޒްރޭލު ސިފައިންގެ 170 މީހަކު ވަނީ މަރުވެފަ އެވެ.
ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ. އަދި ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ މީހުންގެ މެދުގައި ނުރައްކާތެރި ބަލިތައް ފެތުރެމުންދާ މިންވަރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އދ. އިން ބުނެ އެވެ.
ހަނގުރާމަ އަށް 100 އަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އިޒްރޭލުން އަންނަނީ ހަނގުރާމަ ހުއްޓާލާނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތް ނެތިކޮށްލުމަށްފަހު ބުނެފަ އެވެ. ހަމާސްގެ ބެލުމުގެ ދަށުގައި މިވަގުތު އިޒްރޭލުން 100 އަށް ވުރެ ގިނަ މީހުން ތިބިއިރު އެ ޖަމާއަތުން ވަނީ އެމީހުން ދޫކޮށްލާނީ އިޒްރޭލުން ހަމަލާތައް އެއްކޮށް ހުއްޓާލުމަށް އެއްބަސްވުމުން ކަމަށް ބުނެފަ އެވެ.