Last Updated: July 23, 10:58
Thursday, July 23, 2026
މުނިފޫހިފިލުވުން

އަކްޝޭއާ އެކީ އަދިވެސް މަސައްކަތްކުރަން ބޭނުން

އެކްޓަރު އަކްޝޭ ކުމާރާ އެކީ އަދިވެސް މަސައްކަތްކުރަން ބޭނުންވާ ކަމަށް ބަތަލާ ޝިލްޕާ ޝެޓީ ބުނެފި އެވެ.

އަންނަ ހުކުރު ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ އޭނަގެ ފުރަތަމަ ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" ގެ ޕްރޮމޯޝަންގެ ތެރެއިން ބޮލީވުޑް ލައިފަށް ދިން އިންޓަވިއުއެއްގައި 48 އަހަރުގެ ބަތަލާ ބުނީ އޭނަ އާއި އަކްޝޭގެ ކެމިސްޓްރީ އަކީ ވެސ ބެލުންތެރިން ވަރަށް ކަމުގޮސްފައި އޮތް ކަމެއް ކަމަށެވެ.

"އެހެންވެ އެ ކެމިސްޓްރީ އަދިވެސް ދައްކައިލެވޭނެ ކަމަށް ގަބޫލުކުރަން. ބޭނުން ފުރުސަތެއް ލިބިއްޖެ ކަމަށްވާ ނަމަ އަދިވެސް އަކްޝޭއާ އެކީ މަސައްކަތްކުރަން." ޝިލްޕާ ބުންޏެވެ.

އެ ދެ މީހުން އެކީގައި ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ މަގުބޫލުވި ފިލްމަކީ 2000 ވަނަ އަހަރުގެ "ދަޅުކަން" އެވެ. އޭގައި ސުނިލް ޝެޓީ ވެސް ހިމެނެ އެވެ. ޝިލްޕާ އާއި އަކްޝޭ އެކީގައި 1994 ގެ "މޭ ކިލާޅީ ތޫ އަނާޅީ" ވެސް ކުޅެފައިވެ އެވެ. މި ދެ ތަރިންނަކީ ކުރިން ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި ބައެކެވެ. ނަމަވެސް އެ ގުޅުން ނިމުމަކަށް އައި ފަހުން ކުރިން އޮތް އެކުވެރިކަން ކެނޑިފައިވެ އެވެ. އެކަމަކު މިހާރު އަކްޝޭ އާއި ޝިލްޕާ އަކީ ދެ ރަހުމަތްތެރިންނެވެ.

ޝިޕްލާ ބުނި ގޮތުގައި އޭނަ ކުރިން އެކީގައި މަސައްކަތްކުރި އެކްޓަރުންގެ ތެރެއިންް ގޯވިންދާ އާއި ސުނިލްއާ އެކީ ވެސް މަސައްކަތް ކުރަން ބޭނުންވެ އެވެ.

"ގޯވިންދާ އަކީ އޭނަގެ ފަރާތުން ވަރަށް ގިނަ ކަންކަން އަހަންނަށް ދަސް ވެސް ވި އެކްޓަރެއް." ދެ ކުދިންގެ މަންމަ ޝިލްޕާ ބުންޏެވެ.