Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

ކުނިގޮނޑަށް ކުއްޖާ އެއްލާލި މަންމައަށް ދައުވާކޮށްފި

criminal court
ފޮޓޯ: އަވަސް އޮންލައިން

ވިހެއުމަށްފަހު ކޮތަޅަކަށްލާ ކުނިގޮނޑަށް ތުއްތުކުއްޖެއް އެއްލާލި މައްސަލައިގައި ހައްޔަރުކުރި މަންމައަށް ދައުވާކޮށްފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ 3 ޑިސެންބަރު 2023 ވަނަ ދުވަހުގެ ހެނދުނު 9:28 ހާއިރު އދ. ދިގުރަށުގެ ކުނި ގޮނޑުން މަރުވެފައި އޮތް ކުއްޖަކު ފެނިފައިވާ މައްސަލައިގައި ސްރީލަންކާ ރައްޔިތެއްކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށް ދައުވާ ކުރުމަށް 16 ޖަނަވަރީ 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާކަމަށެވެ.

އޭނާގެ މައްޗަށް ކުރާ ދައުވާތައް:
1. އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދަޢުވާ،
އަދަބު: 10 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލުގައި ބަންދުކުރުން
2. ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ، އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ޤަސްދުގައި ހިންގުމުގެ ކުށުގެ ދަޢުވާ،
އަދަބު: 3 އަހަރަށް ޖަލަށް ލުން
3. އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދަޢުވާ،
އަސާސީ އަދަބު: 9 މަހާއި 18 ދުވަހަށް ޖަލުގައި ބަންދުކުރުން

އެ އަންހެން މީހާގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދަޢުވާ ކުރަނީ، އޭނާ ބަލިވެ އިންކަން ސިއްރުކޮށްގެން އުޅެ، 01 ޑިސެންބަރު 2023 ދުވަހުގެ 22:00 އާއި 03 ޑިސެންބަރު 2023 ދުވަހުގެ 05:00 އާ ދެމެދުގެ ވަގުތެއްގައި، އދ. ދިގުރަށު ގެއެއްގެ ކޮޓަރިއެއްގައި ހުންނަ ފާހާނައިގެ ތެރޭގައި ފާހާނާތަށި ތެރެއަށް ކުއްޖާ ވިހެއުމަށްފަހު، ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި ކޮތަޅުތަކަކަށް ލައިގެން ގެންގޮސް، 03 ޑިސެންބަރު 2023 ދުވަހުގެ 05:31 އެހައިކަށްހައިއިރު، އދ. ދިގުރަށުގައި ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށް ކުއްޖާގެ ހަށިގަނޑު އެއްލާލައި، ކުއްޖާގެ ފުރާނައަށް ގެއްލުންވާނެހެން ކުއްޖާއާމެދު އަމަލުކޮށް ކުއްޖާ މަރާލާފައިވާތީއެވެ.

ދެވަނަ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވާ އޭނާ ބަލިވެއިނީއްސުރެ، ކުއްޖާގެ ސިއްހަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިނުވާތީ އާއި، އެފަދަ ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ބަލިވެއިންކަން ސިއްރުކޮށް، ވިހަން އުޅޭކަން އެނގުމުން ހޮސްޕިޓަލަށް ނުގޮސް، ވިހެއުމަށް ސިއްހީ ފަރުވާ ލިބޭ ތަނަކަށް ދިއުމުގެ މަގު ފަހިވެފައިވަނިކޮށް އެ ފުރުސަތުގެ ބެނުން ނުކޮށް، ގެއެއްގެ ކޮޓަރިއެއްގައި ހުންނަ ފާހާނައިގެ ތެރޭގައި ފާހާނާތަށި ތެރެއަށް ކުއްޖާ ވިހާފައިވާތީއެވެ. އަދި ކުއްޖާ ވިހެއުމަށްފަހު ޑަސްބިނަށް އެއްލާލައި ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެހުރެ، އެކުއްޖާގެ ސިއްހަތާއި، ރައްކާތެރިކަމާއި، މަސަލަހަތަށް އުނިކަން އަންނާނެ އަމަލުތައް ޤަސްދުގައި ހިންގައިފައިވާތީއެވެ. އަދި ތިންވަނަ ދައުވާ ކޮށްފައިވަނީ އެ ކުއްޖާ މަރުވިކަން ގަސްދުގައި އެނގިހުރެ ފޮރުވާފައިވާތީއެވެ.