ރާއްޖޭގެ ޒަކާތު ފަންޑުން ދޭ ސްކޮލަޝިޕަށް ޝައިޚު އުސްމާން ޢަބްދު ﷲ ގެ ހަނދާނީ ސްކޮލަރޝިޕް ނަން ދިނުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާންމުންގެ ހިޔާލަށް ހުޅުވާލައްވައިފި އެވެ.
މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ޒަކާތު ފަންޑުންދޭ ސްކޮލަޝިޕް ސްކީމަށް އެގޮތަށް ނަން ދިނުމަށް ޒަކާތު ކައުންސިލުން ލަފާ ވެސް ދީފައިވާ ކަމަށެވެ. އެހެންވެ އާންމުންގެ ހިޔާލަކީ ކޮބައިތޯ އައްސަވާފައިވެ އެވެ. މިނިސްޓަރުގެ ޕޯސްޓާ ގުޅިގެން ފޭސްބުކް މިހާރު މީހުން އަންނަނީ ހިޔާލު ފާޅުކުރަމުންނެވެ.
މިދިޔަ އަހަރުގެ އޮގަސްޓް 21 ގައި އަވަހާރަވި ޝެއިހް އުސްމާނަކީ ރާއްޖޭގައި ޒަކާތާ ބެހޭ ހޭލުންތެރިކަން އުފެއްދެވުމަށް ވަރަށް ގިނަ މަސައްކަތްކުރެއްވި ބޭފުޅެކެވެ.
އިސްލާމިކް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އުސްމާނަކީ ކުރިން މާލޭގެ މިސްކިތްތަކާއި ޓީވީ އާއި ރޭޑިއޯ މެދުވެރިކޮށް، އާންމުކޮށް ދަރުސް ދެއްވި އާންމުންގެ އިހުތިރާމު ވަރަށް ބޮޑަށް ހޯއްދެވި ބޭފުޅެކެވެ. އޭނަ އަކީ ކުއްލިއްޔާ އުސޫލުއްދީން ވައްދައުވާއިން މަތީ ތައުލީމު ހާސިލުކުރެއްވި ބޭފުޅެކެވެ.
ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ޚިދުމަތްކުރުމާއި، ދިނީ ޢިލްމު އުނގަންނައި ދިނުމުގެ ދާއިރާއިން ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 2012 ގައި ޝެއިހް އުސްމާނަށް ލިބިވަޑައިގެންފައިވެ އެވެ