ސްމާޓްފޯނުގެ ވިޔަފާރީގައި ދެކުނު ކޮރެއާގެ ސެމްސަންގްގެ ދަމަހައްޓަމުން އައި މަގާމު 12 އަހަރު ފަހުން ގެއްލި، ސްމާޓްފޯނު މާކެޓްގެ ރަސްކަން އެމެރިކާގެ އެޕަލް އަށް ލިބިއްޖެ އެވެ.
އިންޓަނޭޝަނަލް ޑޭޓާ ކޯޕަރޭޝަން (އައިޑީސީ) އިން ބުނީ އެޕަލް އިން ސެމްސަންގް ފަހަތަށް ޖައްސައިލުމަކީ އެ ކުންފުނިން ހޯދި ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މިދިޔަ އަހަރު މުޅި ދުނިޔޭގައި 1.2 ބިލިއަން ސްމާޓްފޯން ވިއްކާފައިވާ އިރު، އޭގެ ތެރެއިން 234.6 މިލިއަން ފޯނަކީ އައިފޯނެވެ. ސެމްސަންގުން މިދިޔަ އަހަރު ވިކުނީ 226.6 ފޯނެވެ.
އައިޑީސީން ބުނީ 2010 ގެ ފަހުން ފުރަތަމަ ފަހަރަށް އެޕަލް އިން ސެމްސަންގް ދެވަނަ އަށް ވައްޓާލި އިރު، އެޕަލް ހޯދި ކުރިއެރުމަކީ ޗައިނާ އިން ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކެއްގެ ތެރެއިން ވެސް ހޯދި ކާމިޔާބީއެއް ކަމަށެވެ. އޭގެ ތެރޭގައި ސެމްސަންގާއި ވާވޭއާ ވަރަށް ބޮޑަށް މާކެޓްގައި ވާދަކުރަން ޖެހުމާއި އެޕަލް އަށް ޗައިނާ އިން ރެގިއުލޭޓަރީ ފިއްތުންތައް ކުރިމަތިވުމާއި މިދިޔަ އަހަރުގެ ތެރޭގައި ޖުމްކޮށް، ސްމާޓްފޯނުގެ ވިޔަފާރި މުޅި ދުނިޔޭގައި ވެސް ދަށްވުން ފަދަ ކަންކަން ހިމެނެ އެވެ.

އައިޑީސީން ބުނީ މިދިޔަ އަހަރަކީ އޭގެ ކުރީ އަހަރަށް ވުރެ ސްމާޓްފޯނުގެ ވިޔަފާރި އަށް 3.2 ޕަސެންޓްގެ ވެއްޓުމަކާ ވެސް ކުރިމަތިލާން ޖެހުނު އަހަރެއް ކަމަށެވެ. އެގޮތުން ޝޯމީ އާއި ޓްރާންޝަންގެ އަގުހެޔޮ އެންޑްރޮއިޑް މޮޑެލްތަކުގެ ވިޔަފާރިއާ ހެދި ސެމްސަންގަށް މިދިޔަ އަހަރަކީ ވާދަވެރިކަަން އިންތިހާ އަށް ބޮޑުވި އަހަރެކެވެ.
އެޕަލް އާއި ސެމްސަންގް އަކީ ސްމާޓްފޯނުގެ މާކެޓްގައި އެންމެ މަޝްހޫރު ބްރޭންޑްތަކެވެ. އެޕަލް އިން އެންމެ ފަހުން ނެރުނީ އައިފޯން 14 އެވެ. ސެމްސަންގުން މިހާރު އަންނަނީ މާދަމާ އާ އުފެއްދުންތަކެއް ދައްކައިލަން "ގެލެކްސީ އަންޕެކްޑް" ގެ ނަމުގައި އިވެންޓެއް ބާއްވަން ތައްޔާރުވަމުންނެވެ.