Last Updated: October 3, 15:19
Thursday, October 3, 2024
ޚަބަރު

ބަންދުން ދޫކޮށްލާނަމަ، ޝަރުތާގުޅޭގޮތުން ވާހަކަދައްކަން ފުރުސަތުދޭން އެދިއްޖެ

ޕީޖީ ހުސައިން ޝަމީމް--

ޖިނާއީ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ޝަރުތުކޮށްފައި ބަންދުން ދޫކުރާއިރު، ޝަރުތުތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ފުލުހުންނަށް ޝަރީއަތުގައި ލިބެންޖެހޭކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ ޖިނާއީ މައްސަލައެއްގެ ތުހުމަތު ކުރެވޭ މީހަކު ޝަރުތުކޮށްފައި ބަންދުން ދޫކުރެވިދާނެ ހާލަތްތަކެއް ޤާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަންދުގައި ހުރި މީހާ ދޫކޮށްލާފައި ހުންނައިރު އޭނާ އިތުރު ކުށެއް ނުކުރާނެ ކަމަށާއި، ތަހުޤީޤު މަރުޙަލާގައި ޤާނޫނު ތަންފީޒުކުރާ އިދާރާއިން ހާޒިރުވާން އަންގާ ތަންތަނަށް އޭނާ ހާޒިރުވާނެ ކަމަށާއި، ޝަރީއަތުގެ މަރުޙަލާގައި ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް އޭނާ ހާޒިރުވާނެ ކަމަށާއި، ކޯޓުން އިތުރު ޝަރުތުތަކެއް ކަނޑައަޅާނަމަ އެ ޝަރުތުތައްވެސް ޤަބޫލުކުރާކަމަށް ބަންދުގައި ހުރި މީހާ އިޤްރާރުވެ ސޮއިކުރުމުން، އޭނާ ބަންދުން ދޫކޮށްލުމަށް ފަނޑިޔާރަށް އަމުރު ނެރެވިދާނެކަމަށް އޮވެއެވެ.

ޕީޖީން ބުނެފައިވަނީ ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލުމަށް ނިންމަވާ ހާލަތުގައި، މައްސަލައިގެ ވަށައިގެން ހުންނަ ކަންކަމާއި، ތުހުމަތުކުރެވޭ މީހާގެ ހާލަތަށް ރިއާޔަތްކޮށް ދިވެހި ފުލުހުންގެ ހިދުމަތުން ވަކި ހާއްސަ ޝަރުތެއް ހިމެނުމަށް އެދޭނަމަ، އެކަންކަން ހިމެނުމަށް އެ އަޑުއެހުމުގައި ވާހަކަ ދެއްކުމުގެ ފުރުސަތަކީ ޤާނޫނުން ފުލުހުންނަށް ލިބެންޖެހޭ ފުރުސަތެއް ކަމަށެވެ.

"މިހާރުވެސް ބައެއް ކޯޓުތަކުން އެފުރުޞަތު ދެއްވައެވެ. ނަމަވެސް، ބައެއް ކޯޓުތަކުގައި އެފުރުޞަތު ފުލުހުންނަށް ނުލިބޭ ކަމުގެ ޝަކުވާލިބޭތީ، ޤާނޫނުން ލިބޭ ފުރުޞަތު، ހުރިހާ ކޯޓެއްގައި އެއްގޮތަކަށް، ފުލުހުންނަށް ލިބުމަކީ، މިނިޒާމު އެކަށީގެންވާ ގޮތުގައި ހިންގުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއޮފީހުން ދެކެމެވެ." ޕީޖީން ބުނެފައިވެއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ، އެގޮތަށް ފުލުހުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތުލިބޭނަމަ، އެކި ކުށުގެ ތުހުމަތުގައި ހުރެފައި، އެކި ސަބަބުތަކާހުރެ، އެކި ގޮތްގޮތަށް މުޖްތަމައަށް ދޫވާ މީހުންނަކީ މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ވަކި ގޮތަކަށް ބެލެހެއްޓޭ ބައެއްކަން ފުލުހުންނަށްވެސް ކަށަވަރު ކުރެއްވޭނެ ކަމަށެވެ.