Last Updated: May 2, 10:44
Thursday, May 2, 2024
ޚަބަރު

ފަޅު ހިއްކައި ޕަމްޕު ސްޓޭޝަން ބަދަލުކުރަން އެމްޓީސީސީއަށް

ފޮޓޯ: ސްޓެލްކޯ

ބޮޑުތަކުރުފާނުމަގުގައި މަގުމައްޗަށް ބައެއް ވާގޮތަށް ބަހައްޓާފައިވާ ސްޓެލްކޯގެ ފިއުލް ޕަމްޕު ސްޓޭޝަން އެތަނުން ނަގައި، އެދިމާ ފަޅުން ބައެއް ހިއްކުމަށްފަހު، އެތަނުގައި އައު ފިއުލްޕަމްޕު ސްޓޭޝަނެއް ގާއިމް ކުރުމަށްޓަކައި ސްޓެލްކޯއާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ ނޭޖިން ޑިރެކްޓަރު ހުސެން ފަހުމީއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދުއެވެ.

ފިއުލް ޕަމްޕު ސްޓޭޝަން އެތަނުން ނަގައި، އެދިމާ ފަޅުން ބައެއް ހިއްކުމަށްފަހު، އެތަނުގައި އައު ފިއުލްޕަމްޕު ސްޓޭޝަނެއް ގާއިމުކުރުމަށް 7.1 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ސްޓެލްކޯގެ އެމްޑީ ވިދާޅުވިއެވެ.

މި މަސައްކަތް ކުރާނީ މިހާރު ދެމުންދާ ހިދުމަތަށް އެއްވެސް ދަތިކަމެއް ނާންނަ ގޮތަށް ދުރައިލާ ޕްލޭންތަކެއް ރާވައިގެން ކަމަށްޗެސް އެމްޑީ ފަހުމީ ވިދާޅުވިއެވެ.

މި ޕަމްޕް ސްޓޭޝަނަކީ ސްޓެލްކޯގެ މާލޭ އިންޖީނުގޭގެ އިންޖީނުތަކަށް ތެޔޮ އަޅަން ބޭނުން ކުރާ ސްޓޭޝަނެކެވެ.