Last Updated: May 2, 14:39
Thursday, May 2, 2024
ޚަބަރު

ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލްވެފައިވާ ގައުމެއް

ދިވެހިރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލްވެފައިވާ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފައިވަނީ އެގޮތަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވަނީ، ދިގު މުއްދަތަކަށް ރާއްޖެއިން ހެޕަޓައިޓިސް ބީ ވެކްސިން ދިނުން ކުރިއަށް ގެންގޮސްފައިވާތީއާއި، ގިނަ ބަޔަކު އެ ވެކްސިން ޖަހާފައިވުމުންކަމަށެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މި ފަހުން ހެދި ސާވޭއެއްގައި ސްކޫލްތަކުގައި ކިޔަވާ 6 އަހަރާއި 7 އަހަރުގެ ކުދިންގެ ޓެސްޓުތައް ކުރިއިރު އެއްވެސް ކުއްޖަކު ގައިން އިންފެކްޝަން ފެނިފައިނުވާ ކަމަށެވެ.

މީގެއިތުރުން ގަވައިދުން މާބަނޑު އަންހެނުން ހެޕަޓައިޓިސް ބީއަށް ސްކްރީން ކުރުމާއި، ޕޮޒިޓިވްވާ މީހުންނަށް ފަރުވާދެވި، ޕޮޒޮޓިވެފައިވާ އަންހެނުން ވިހާ ކުދިން ރައްކާތެރިކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލްވެފައިވާ ގައުމެއް ކަމަށް ކަނޑައެޅީކަމަށެވެ.

ހެޕަޓައިޓިސް ބީ އަކީ ވައިރަހެއްގެ ސަބަބުން ފުރަމޭގައި އުފެދޭ އިންފެކްޝަނެކެވެ. މިއީ ރަނގަޅު ފަރުވާ ނުދެވިއްޖެނަމަ ވަރަށް ނުރައްކާތެރިވާ ބައްޔެކެވެ.