Last Updated: May 1, 20:45
Thursday, May 2, 2024
ޚަބަރު

މަޖިލިސް އިންތިހާބަށް ފަސޭހަކުރަން ނިންމުންތަކެއް

ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ބައެއް ކަންކަން ނިންމައިފިއެވެ.

އީސީގެ ނައިބުރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު ސެޓް މިއަދު އާންމު ކުރާގޮތަށް ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ ފުރިހަމަކުރަންޖެހޭ، ކުށާއި ދަރަނީގެ ރެކޯޑަކީ، 2023 ޑިސެންބަރު 14 ގެ ފަހުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ފުރިހަމަކޮށްފައިވާ ރެކޯޑެއްނަމަ، އެ ތާރީހުގެ ފަހުން ސާފުކޮށްފައި ހުރި ރެކޯޑުތައް ބަލައިގަންނަގޮތަށް ހަމަޖައްސާފައިވާކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ އިންތިހާބަށް ހާއްސަކޮށްގެން ހުޅުވާ އާ ބޭންކް އެކައުންޓް ހުޅުވުމުގެ ފުރުސަތު ދުރާލާ ދިނުމަށްޓަކައި، އެކަމަށް ބޭނުންވާ ލިޔުންތައް ފޯމު ސެޓާއެކު އާންމުކުރާގޮތަށްވެސް އީސީން މިއަދު ނިންމާފައިވާކަމަށެވެ. އެޕްލިކޭޝަން ފޯމު އިލެކްޝަންސް ކޮމިޝަނަށް ބަލައިގަންނާނީ 2024 ޖެނުއަރީ 30 ވަނަ ދުވަހު ކޮމިޝަނުން ކުރާ އިއުލާނުގައިވާ މުއްދަތުގެ ތެރޭގައި ކަމަށް ހަބީބް ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައި ވަނީ މާޗް މަހުގެ 17 ގައެވެ. މިފަހަރުގެ އިންތިހާބުގައި 284،327 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. މަޖިލީހުގެ 20 ވަނަ ދައުރަށް 93 މެންބަރަކު އިންތިހާބު ކުރާނެއެވެ.