ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރަން ނިންމާފައިވާ ކަމަށް އެގްރިކަލްޗަ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާޢީލް ވިދާޅުވީ ޕީއެސްއެމްގައި ވިދާޅުވީ ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލް ކުރެވޭނެ ގޮތްތަކެއް ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ "ހަފުތާ 14" ގައި ވެސް ލާޒިމްކޮށްފައިވާ ކަމަށެވެ.
އެހެންވެ އެކަމާ ގުޅޭ މަސައްކަތްތައް މި ހަފުތާގައި ފެށޭނެ ކަމަށް ވިދާޅުވި އެވެ.
އެގޮތުން ރޯދަ މަހު އާންމުކޮށް ކެއިންބުއިމުގައި ބޭނުންކުރާ ބާވަތްތަކާއި، އެތަކެތި ބޭނުންވާ މިންވަރު ދެނެގަނެ، މާކެޓަށް ނެރެވެން ހުރި މިންވަރު ބަލައި އިތުރަށް ބޭނުންވާ މިންވަރު ދެނެގަނެ އަގުތައް ކޮންޓްރޯލް ކުރާނެ ކަމަށް ހުސައިން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ޔަޤީންކަން އެބައޮތް އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ ރޯދަމަހު ހާއްސަކޮށް ރާއްޖޭގައި އުފެއްދޭ ތަކެތީގެ އަގު ކޮންޓްރޯލް އަގެއްގައި ރައްޔިތުންނަށް އަގު ހެޔޮކޮށް އަތްފޯރާ ފަށެއްގައި ލިބޭނެ ކަމަށް،" އޭނަ ވިދާޅުވި އެވެ. "އެ މަސައްކަތް އަޅުގަނޑުމެންނަށް ކުރެވޭނެ. ސަބަބަކީ އަޅުގަނޑުމެން ދުރާލާ މިކަމަށް ތައްޔާރުވީމަ ތަކެތި ބޭނުންވާ ވަރު އަޅުގަނޑުމެން މި ބަލަނީ."

ހުސައިން ވިދާޅުވީ ރާއްޖޭގައި އުފައްދާ ތަކެތީގެ އިތުރުން، ރާއްޖެއިން ބޭރުން ތަކެތި ގެންނަން ޖެހޭ ނަމަ އެކަން ވެސް މިހާރު ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ދެނެގަނެވޭނެ ކަމަށެވެ. އޭނަ ވިދާޅުވި ގޮތުގައި މިހާރު ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ދަނޑުވެރިން ހައްދާ ތަކެތި ތާޒާކޮށް މާކެޓަށް ނުގެނެވުމުގެ މައްސަލަ އެވެ. އެހެންވެ އެކަމަށް ހައްލެއް ގެންނަން އެގްރޯނެޓާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެ ވެ.