Last Updated: July 23, 10:04
Thursday, July 23, 2026
މުނިފޫހިފިލުވުން

ޝާހްރުކް އާ ފިލްމުތަކެއް އިއުލާން ކުރަނީ

މިދިޔަ އަހަރު ވަރުގަދަ ތިން ބްލޮކްބަސްޓާ ގެނެސްދިން ބޮލީވުޑްގެ ތަރި، ޝާހްރުކް ޚާން އާ ފިލްމުތަކެއް އިއުލާން ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ 58 އަހަރުގެ އެކްޓަރުގެ އާ ފިލްމުތައް މި މަސް ނިމުމުގެ ކުރިން އިއުލާން ކުރާނެ ކަމަށެވެ. އެކަމަކު އެއީ ކިތައް ފިލްމު ކަމެއް އަދި މި އަހަރު އެއްވެސް ފިލްމަކުން ޝާހްރުކް ފެނިދާނެތޯ އަދި އޮތީ ސުވާލުތަކެއްގެ ތެރޭގަ އެވެ. އޭނަ ދާދި ފަހުން ބުނި ގޮތުގައި ދެން އެންމެ އަވަހަށް ފިލްމެއްގެ ޝޫޓިން ފަށަން އޮތީ މާޗް ނުވަތަ އެޕްރީލް މަހުގެ ތެރޭގަ އެވެ. އޭގެ ތަފުސީލަކަށް ނުގޮސް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޝާހްރުކް ބުނީ އެއީ އޭނަގެ އުމުރާ ވަރަށް ގުޅޭ ކަހަލަ ރޯލެއް ކުޅޭނެ ފިލްމެއް ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމަކީ ދަރިފުޅު ސުހާނާ ޚާނާ އެކީ ކުޅެން ހަމަޖެހިފައިވާ އެކްޝަން ތުރިލާ "ދަ ކިންގް" އެވެ. އަދި އޭގެ ޑައިރެކްޓަރަކީ ސުޖޯއި ގޯޝް ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.

ޝާހްރުކާ އެކީ ފިލްމުތަކެއް ހަދަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ޑައިރެކްޓަރުންގެ ތެރޭގައި ކަރަން ޖޯހަރް، ފަރާ ޚާން، ޒޯޔާ އަޚްތަރު އަދި ސަންދީޕް ރެޑީ ވަންގާ ހިމެނެ އެވެ. މިދިޔަ ހަފުތާގެ އިވެންޓެއްގައި ޝާހްރުކް ވަނީ އޭނަގެ 1998 ގެ ފިލްމު "ދިލް ސޭ…"ގެ ޑައިރެކްޓަރު މަނީ ރަތުނަމްގެ ފިލްމެއް ދޭން އެދި "އާދޭސް" ވެސް ކޮށްފަ އެވެ.

ޝާހްރުކްގެ މިދިޔަ އަހަރުގެ ތިން ފިލްމަކީ "ޕަތާން"، "ޖަވާން" އަދި "ޑަންކީ" އެވެ.