Last Updated: June 1, 11:19
Saturday, June 1, 2024
ޚަބަރު

ތައިލެންޑާއި ޔޫއޭއީއަށް އާސަންދަ ފުޅާކުރަން ތައްޔާރުވަނީ

ފޮޓޯ: އަވަސް

ތައިލެންޑާއި ޔޫއޭއީއަށް އާސަންދަ ފުޅާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.

އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ބަލިމީހުން މިވަގުތު ފޮނުވަމުން ދަނީ ހަމައެކަނި އިންޑިއާ އަދި ސްރީލަންކާ އަށެވެ.

އާސަންދަ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އިންޑިއާ އާއި ސްރީލަންކާ ނޫން އެހެން ޤައުމުތަކަށް ބަލިމީހުން ފޮނުވަން އާސަންދަ ކުންފުނިން "ދެކޮޅު" ކަމުގައި ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުން ދަނީ، ޙަޤީގަތާއި ޚިލާފަށް ކަމަށެވެ.

މީޑިޔާ ތަކުގައި އެގޮތަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި މަޖިލިސް މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި، މި ޚިދުމަތް އިތުރު ޤައުމުތަކަށް ފުޅާކުރުމުގެ ވިސްނުމެއް އޭރު ނެތްކަމަށް މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި ވިދާޅުވުމުގެ މަފްހޫމް އޮޅޭގޮތަށް ކަމަށް ބުނެފައިވެ އެވެ.

އާސަންދަ ކުންފުނިން ބުނީ އޭރު ސަރުކާރުން މި ޚިދުމަތް ފުޅާކުރުމަށް ނިންމާ އިޢުލާންކޮށްފައި ނުވާ ކަމަށާއި، އެހެންކަމުން، މިހާރު، ސަރުކާރުން ރަސްމީކޮށް އެކަން އިޢުލާންކުރުމުން، އޭގެ މާ ކުރިން ދެކެވިފައިވާ ވާހަކަތަކަކަށް ރިޢާޔަތްކޮށް އެއީ އެ ކުންފުނިން "ދެކޮޅު" ކަމެއްގެ ގޮތުގައި ޢާއްމުންނަށް ސިފަވާހެން ޚަބަރު ފެތުރުމަކީ ކަމުގެ ޙަޤީޤަތް އޮޅި ރައްޔިތުންގެ ހިތްތަކުގައި ނުތަވަސްކަން އުފެދޭނެ ކަމެއް ކަމަށެވެ.

އެހެންކަމުން މިފަދައިން ޚަބަރުތައް ގެނެސްދޭއިރު ކުންފުނީގެ ބަހެއް ހޯދައި، ކަމުގެ ޙަޤީޤަތް ސާފުވާނެހެން ޚަބަރުތައް ގެނެސްދޭން ވަނީ އެދިފަ އެވެ.