އެމެރިކާ އިން ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް އަނެއްކާވެސް ވައިގެ ހަމަލާތަކެއް ދީފި އެވެ.
އެމެރިކާގެ އޮފިޝަލުން ބުނިގޮތުގައި ޔަމަނުގައި ހޫތީ ހަނގުރާމަވެރިން ތިބޭ އެކި ސަރަހައްދުތަކަށް ވައިގެ ގިނަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތުން ގުޅިގެން މިދިޔަ ހަފްތާގައި ވެސް ޔަމަނަށް ވައިގެ ހަމަލާތަކެއް ވަނީ ދީފަ އެވެ. މި ހަމަލާތައް ދޭން ފެށީ ރަތްކަނޑުގައި ދަތުރުކުރާ މުދާ އުފުލާ އުޅަނދުތަކަށް ހޫތީ ހަނގުރާމަވެރިން ދެމުންގެންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. ހޫތީން ރަތްކަނޑުގައި ދަތުރުކުރާ އުޅަނދުތަކަށް ހަމަލާތައް ދޭން ފެށީ އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ އެވެ.
ހޫތީ ހަނގުރާމަވެރިން ހަމަލާތައް މީގެކުރިން އަމާޒުކުރަމުން އައީ އިޒްރޭލު ނުވަތަ އިޒްރޭލާ ގުޅުން އޮންނަ ގައުމުތަކުގެ އުޅަނދުތަކަށްވީ ނަމަވެސް އެ ޖަމާއަތުން ފަހުން ވަނީ ރަތްކަނޑުން ދަތުރުކުރާ އެމެރިކާގެ ކޮންމެ ބޯޓަކަށް ދެން ހަމަލާދޭނެ ކަމަށް ބުނެފަ އެވެ. އެގޮތުން އިއްޔެ ވެސް އެމެރިކާގެ ބޯޓަކަށް ވަނީ ހަމަލާ ދީފަ އެވެ.
އެމެރިކާ އިން އިއްޔެ ވަނީ ހޫތީންނަކީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ވެސް ކަނޑައަޅާފަ އެވެ.
ޔަމަނުގެ ވެރި ރަށް، ސައްނާއާއި އެގައުމުގެ އުތުރުގެ ބޮޑު ބައެއްގެ މައްޗަށް ބާރު ފޯރުވަނީ ހޫތީން ކަމަށްވާއިރު ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރާ ގޮތުގައި ހޫތީންނަކީ އިރާނުގެ އެހީތެރިކަމާއެކު ހަރަކާތްތެރިވާ ޖަމާއަތެކެވެ.