Last Updated: May 17, 07:03
Friday, May 17, 2024
ޚަބަރު

ކުޅިވަރު އެސޯސިއޭޝަންތަކަށް "ސީޕީއާރު އޭއީޑީ" ކޯހެއް

ރާއޖޭހެ ކުޅިވަރު އެސޯސިއޭޝަންތަކުގައި ކުޅުންތެރިންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މީހުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފް މެޑިކަލް ކޯއިން "ސީޕީއާރު އޭއީޑީ" ކޯހެއް ހިންގައިފި އެވެ.

ޖުމްލަ 10 ބައިވެރިންނާ އެކީ މި ކޯސް ހިންގީ ތިން ދުވަހުގެ މުއްދަތަށެވެ.

މި ކޯހަކީ، ކުޅިވަރުގެ މައިދާނުގައި ދިމާވާ ސިއްހީ މައްސަލަތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށް ދެވިދާނެ ގޮތްތައް އަންގައިދީ، އެފަދަ ހާލަތްތަކަށް ހޭލުންތެރިކޮށް، އަހުލުވެރިކުރުވުމުގެ ގޮތުން އެމްއެންޑީއެފް މެޑިކަލް ކޯއިން ކުރިއަށް ގެންދިޔަ ކޯހެކެވެ.
އެގޮތުން ކުޅިވަރުގެ މައިދާނުގައި އަނިޔާވާ މީހުންނަށް އަވަސް ފަރުވާ ދޭނެ ގޮތުގެ އަސާސީ މަޢުލޫމާތު ފޯރުކޮށްދީ، ޢަމަލީ ގޮތުން އެ ކަންކަން ކުރަންވީ ގޮތް ވަނީ ފަރިތަ ކުރުވާފައިވެ އެވެ.

ކޯހުގައި ކިޔަވައި ދިން ބައިތަކުގެ ތެރޭގައި، ކާޑިއޯ ވެސްކިއުލަ ސިސްޓަމް، ރެސްޕިރޭޓަރީ ސިސްޓަމް، ސީޕީއާރު ތިއަރީ އަދި ޕްރެކްޓިކަލްގެ އިތުރުން އޭއީޑީ ތިއަރީ އަދި ޕްރެކްޓިކަލް ހިމެނެ އެވެ.

އެމްއެންޑީއެފުން ބުނީ މިއީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އެދުމަކަށް ހިންގި ކޯހެއް ކަމަށާއި މިއީ އެމެރިކަން ހާޓް އެސޯސިއޭޝަން ސްޓޭންޑަޑް ކޯހެެއް ކަމަށެވެ.

ކޯހުން ފާސްވި ބައިވެރިންނަށް ދެ އަހަރު ދުވަހުގެ މުއްދަތުގެ ވެލިޑް "ސީޕީއާރު އޭއީޑީ" ކޮލިފިކޭޝަން ކާޑެއް ވެސް ދީފައިވެ އެވެ.