Last Updated: July 23, 10:04
Thursday, July 23, 2026
މުނިފޫހިފިލުވުން

މޯނިޝްގެ ދަރިފުޅަށް ހޮލީވުޑްގެ ފިލްމެއް

ބޮލީވުޑްގެ އެކްޓަރު މޯނީޝް ބޭލްގެ ދަރިފުޅު ޕްރަނޫޓާން ބޭލް ހޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

މި ފިލްމަކީ ހޮލީވުޑްގައި މަސައްކަތްކުރާ އިންޑިއާ ދަރިކޮޅުގެ އެކްޓަރު/ޑައިރެކްޓަރު ރަހްސާން ނޫރްގެ "ކޮކޯ އެންޑް ނަޓް" އެވެ. ލޯބީގެ ވާހަކައަކަށް ހަދަން ނިންމާފައިވާ މި ރޮމޭންޓިކް ކޮމެޑީގެ ޝޫޓިން މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ އިރު، މަންޒަރުތައް ނަގާނީ އެމެރިކާގެ ޝިކާގޯގަ އެވެ. އަދި ފިލްމު އިނގިރޭސި ބަހާ އެކީ ހިންދީ ބަހުން ވެސް ޝޫޓްކުރާނެ އެވެ.

"ކޮކޯ އެންޑް ނަޓް" އަކީ 2018 ގައި ރަހްސާން ގެނެސްދިން "ބެންގާލީ ބިއުޓީ" އަށް ފަހު ހަދާ ފުރަތަމަ ފިލްމެވެ.

މި ފިލްމުން ފުރުސަތު ލިބުމާ ގުޅިގެން ޕްރަނޫޓާން ބުނީ މިއީ ވަރަށް ހިތްގައިމު ލޯބީގެ ވާހަކައެއް ކިޔައިދޭނެ އެއްޗެއް ކަމަށާއި ފިލްމުން އޭނަ އަށް ކުޅެން ލިބުނު ކެރެކްޓާއާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"ވަރަށް ޝުކުރުވެރި ވެސް ވަން މުފަދަ ފުރުސަތެއް ލިބުނީތީ." ހިންދީ ސިނަމާގެ ކުރީގެ ނުފޫޒު ގަދަ ބަތަލާ ނޫޓާންގެ މާމަދަރިފުޅު ބުންޏެވެ.

ޕްރަނޫޓާން ބޮލީވުޑަށް ތައާރަފުވީ އޭނަގެ ބައްޕަ މޯނިޝްގެ ގާތް އެކުވެރިޔާ، ސަލްމާން ޚާން ޕްރޮޑިއުސްކޮށް 2019 ގައި ގެނެސްދިން "ނޯޓްބުކް" އިންނެވެ. އޭގެ ފަހުން 2021 ގައި "ހެލްމެޓް" ކިޔާ ފިލްމަކުން ވެސް ޕްރަނޫޓާން ފެނިފައިވެ އެވެ.