Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

"ގައުމުގެ ޝަޚްޞިއްޔަތަށް އަންނަ ބަދަލާ ދޭތެރޭ ވިސްނައި، ފިޔަވަޅުތަކެއް އަޅަން މަޖުބޫރު"

ޤައުމުގެ ޝަޚްޞިއްޔަތަށް އަންނަ ބަދަލާ ދޭތެރޭގައި ޤައުމީ ފެންވަރެއްގައި ވިސްނައި، ފިޔަވަޅުތަކެއް އަޅަން މިއަދު ވަނީ މަޖުބޫރުވެފައި ކަމުގައި ރައީސް ޑރ. މުޙަންމަދު ވަޙީދު މިއަދު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ގައުމީ ދުވަސް ފާހަގަ ކުރުމަށް ލ. ފޮނަދޫގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މަސައްކަތު މީހުންގެ ޢަދަދު، އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމަށާއި ބިދޭސީން މަސައްކަތު މީހުންގެ ޢަދަދު އިތުރުވުމަކީ، ޤައުމުގެ ޝަޚްޞިއްޔަތު ނެތިގެން ދާނޭ ކަމެއް ކަމަށެވެ.

ރާއްޖޭގައި ވާކް ވިސާގައި މިއަދު އެއްލައްކަ އެގާރަހާހަށްވުރެ ގިނަ ބިދޭސީން އުޅެމުން އެބަ ގެންދާ ކަމަށާއި، ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ ޢަދަދު ވެސް 40،000 އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ޢަދަދުތަކަށް ރައީސް ބައްލަވާލައްވަމުން، މިއަދު މިދުނިޔޭގައި ދިރިއުޅޭ ކޮންމެ ތިން މީހުން ކުރެ އެކަކީ ބިދޭސީއެއް ކަމަށާއި، ބިދޭސީ މަސައްކަތްތެރިންގެ އާބާދީ، އަހަރަކު ވިހި އިންސައްތަ އިތުރުވާ ކަމަށް، ތަފާސް ހިސާބުތަކުން ފެންނަން އެބަހުރި ކަމަށް ވިދާޅުވި އެވެ.

އަދި މި މިންވަރަށް ބިދޭސީން އިތުރުވަމުން ދާނަ މަ، މީގެ ހަ އަހަރުފަހުން ރާއްޖޭގެ އާބާދީއަށްވުރެ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޢަދަދު އިތުރުވާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. \
މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ރައްޔިތުންގެ އާބާދީއަށްވުރެ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޢަދަދު އިތުރުވުމަކީ، އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭނެ ކަމެއްތޯ، ރައީސުލްޖުމްހޫރިއްޔާ ސުވާލު ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، މިއީ އެއްވެސް ދިވެހި ރައްޔިތަކު ގަބޫލުކުރާނެ ކަމެއް ނޫނެވެ. ނުވަތަ ގަބޫލުކުރަން ބޭނުންވާނެ ޙަޤީޤަތެއް ވެސް ނޫނެވެ. އަދި ބޭރު މީހުންގެ ނުފޫޒު ގަދަވެއްޖެނަމަ، ދިވެހިވަންތަ ކަމަށާއި، ދިވެހި ޘަޤާފަތަށާއި، ދިވެހި ޤައުމިއްޔަތަށް އެކަމުން ނޭދެވޭ އަސަރުތަކެއް ފޯރުމުގެ ބިރު އޮންނާނީ، ވަރަށް ގާތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމައެއާ އެކު ބިދޭސީން އިތުރުވެގެން ދިޔުމަކީ، މިހާރު ވެސް ވަރަށް އުނދަގުލުން ލިބޭ ބޭރު ފައިސާގެ ވަރަށް ބޮޑު ޢަދަދެއް، ޤައުމުން ބޭރަށް ދިޔުމުގެ ފުރްޞަތު ހުޅުވިގެންދާ މަގެއްކަން ވެސް ރައީސް ހަނދާންކޮށްދެއްވި އެވެ.
އެހެންކަމުން މި ދަނޑިވަޅަކީ، ބޭރު މީހުން ގެންނަ އެކިއެކި ހުނަރުވެރި މަސައްކަތްތަކަށް ދިވެހިން ތަމްރީނުކޮށް، ދިވެހިންނަށް ވަޒީފާގެ ފުރްޞަތުތައް ހޯދައިދިނުމަށް، ޚާއްޞަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ދަނޑިވަޅެއް ކަމުގައި ރައީސް ވިދާޅުވިއެ ވެ.

ރައީސް ވިދާޅުވީ ރިޒޯޓްތަކުގެ ވަކި މަޤާމުތަކެއް ދިވެހިންނަށް ޚާއްޞަކޮށް، އެ މަޤާމުތަކުގައި ބިދޭސީން ނުގެންގުޅުމުގެ ވިސްނުމެއް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ގެންގުޅުއްވުމަކީ ވެސް މިއަދުގެ ޙާލަތަށް ބަލާ އިރު، ކުރަން ވެއްޖެ ކަމެެއް ކަމަށެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހި ޤައުމުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރެއްވި އަބްޠާލުންގެ ހަނދާންތައް އާކުރެއްވި އެވެ. އަދި ޤައުމީ ދުވަހުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވި އެވެ.
ރައީސް ވިދާޅުވީ ޤައުމީ ދުވަހަކީ، ޤައުމީ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމުގެ ޢަޒުމް އާކުރުމުގެ ދުވަހެވެ. ޤައުމީ އަބްޠާލުންގެ ޛިކުރާ އާކުރެވޭ ދުވަހެވެ. ޤައުމަށްޓަކައި ޝަހީދުވެވަޑައިގެންނެވި ޝަހީދުންގެ ހަނދާން އާކުރެވޭ ދުވަހެވެ.
ރައީސް ވިދާޅުވީ މިއީ ޤައުމާ ދޭތެރޭގައި ވިސްނައި، ޤައުމަށް އަންނަމުންދާ މުހިންމު ބަދަލުތަކާ ދޭތެރޭގައި ފިކުރުކޮށް، ބަހުސް ކުރަންވީ ދުވަސް ކަމަށާއި ޤައުމަށްޓަކައި އަޅުގަނޑުމެންގެ ހިތްތަކުގައިވާ ލޯބި އާލާކުރަންވީ ދުވަސް ވެސް ކަަމަށެވެ.