Last Updated: October 3, 16:25
Thursday, October 3, 2024
ޚަބަރު

ކުށަށް އަރައިގަންނަ ބިދޭސީން ވަގުތުން ޑީޕޯޓްކުރާނަން

ހޯމް މިނިސްޓަރު އަލީ އިހުސާން- ފޮޓޯ: ހޯމް މިނިސްޓްރީ

ރާއްޖޭގައި ގަވައިދާހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ކުށަށް އަރައިގަންނަ ބިދޭސީން ވަގުތުން ޑީޕޯޓްކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ބިދޭސީންގެ މައްސަލަތަކާ ގުޅޭ ހުރިހާ އެޖެންސީއެއް މިހާރު އެއް ވުޒާރާއެއްގެ ދަށަށް ގެނެސްފައިވާކަމަށެވެ.

ގަވައިދާ ހިލާފަށްއުޅޭ ބިދޭސީންގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ މިނިސްޓަރު އިހުސާން ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބިދޭސީން ގެނެވޭ މެކޭނިޒަމްގެ ތެރެއިން އެކައުންޓެބިލިޓީ ހަރުދަނާ ކުރާނެ ކަމަށެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެތެރެއިން ކުށަށް އަރައިގަންނަ ބިދޭސީން ވަގުތުން ޑީޕޯޓްކުރާނެ ކަމަށެވެ.

"މިވަގުތު ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން، ހާއްސަކޮށް ކުށަށް އަރައިގަންނަ މީހުން ވަގުތުން ދިވެހިރާއްޖެއިން ޑީޕޯޓްކުރާނަން. އަޅުގަނޑުމެން ހަވާލުވިފަހުން ގާތްގަނޑަކަށް 60 އަށްވުރެއް ގިނަ ބިދޭސީން ވަނީ ރާއްޖެއިން ބޭރުކުރެވިފައި. އޭގެން ބައެއް މީހުންނަކީ ކުށަށް އަރައިގަތުމާ ގުޅިގެން ޑީޕޯޓްކުރެވިފައިވާ މީހުން." މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ ކުރިއަށްއޮތްތަނުގައި، ގަވައިދާ ހިލާފަށް އުޅޭ މީހުންނަށް ވޮލެންޓަރީކޮށް ރާއްޖެ ދޫކޮށް ދިއުމަށް ހުޅުވާލާނެ ކަމަށެވެ.

"އެމީހުން އައިސް އަޅުގަނޑުމެންނަށް ޑިކްލެއާކޮށްފަ، އަޅުގަނޑުމެންގެ ފެސިލިޓީއެއްގައި މަޑުކޮށްފަ، އަޅުގަނޑުމެން އަތުގައި ހުރި ޑިޕޮސިޓް ފައިސާއިން އެމީހުންނަށް ޓިކެޓް ނަގައިދީފަ، އަމިއްލައަށް ރާއްޖެ ދޫކޮށް ދެވޭނެ އިންތިޒާމު ހަމަޖައްސަދޭނަން. އެއީ މީގެތެރެއިން ވަރަށް ގިނަ މީހުންނަކީ މިހާރު ރާއްޖޭގައި ހާލުގައި ޖެހިފައިތިބި މީހުން." މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު އިހުސާން ވިދާޅުވީ ރާއްޖޭގައި ތިބި ބިދޭސީން ފިންގަ ޕްރިންޓް ލެވެލްއަށް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެކަންކުރާނީ ފުޅާދާއިރާއެއްގައި ކައުންސިލްތަކާއި ފުލުހުން މެދުވެރިކޮށް ކަމަށާއި އެ މަސައްކަތުގައި މިހާރު ކުރިއަށްދަނީ ސޮފްޓްވެއާ ޑިޒައިންކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އަމާޒަކީ އެއް އަހަރު ދުވަސްތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ފިންގަ ޕްރިންޓްނެގި، އެމީހުންނަކީ ޤާނޫނީ އިމުގެ ތެރެއަށް ވެއްދިފައިތިބި މީހުންކަން ކަށަވަރު ކުރުން ކަމަށެވެ.